ދެއަތުގެ އިނގިލަތާއި ނާރުތަށް ގުޅިގެން ދިޔަ ވަގުތުގައި ޝައްޔާންގެ ހިތާއި ސިކުނޑީގައި ބާރުގަދަ ވިންދެއް ޖަހައިލި އެވެ. އެފަދަ ޖަޒްބާތީ އިހްސާސެއް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ކުރެވިފައެއް ނެތެވެ. ކޮންމެވެސް މުހިއްމު މެސެޖެއް އޭނާގެ ހިތާއި ސިކުނޑި ދެނެގަތްފި އެވެ. އެކަން އިހްސާސްކުރުމުގައި ޝައްޔާންގެ ފުރާނައާއި ނަފުސް، ފެއިލްވެއްޖެ އެވެ.
ނުތަނަވަސްކަމުގެ ހުރިހައި އިހްސާސެއް އެއްފަރާތް ކުރުމަށްފަހު ޝައްޔާންގެ ހުރިހައި ސަމާލުކަމެއް ހުއްޓުވާލީ ކިސްވާއަށެވެ.
އައިސްކްރީމްގެ އެންމެ ފަހު އެތިކޮޅު ކާލާފައި، ކިސްވާގެ ދަބަހުން 'ވެޓްވައިޕް' ޕެކެޓް ނަގާފައި ވަރަށް ރަގަޅަށް، އަތާއި ތުންފަތް ސާފުކޮށްލި އެވެ. ކުޑަކުޑަ މި އަންހެން ކުއްޖާގެ މާތް އަހްލާގާއި ތަރުބިއްޔަތަށްޓަކައި ހައިރާންވެ، އޭނާގެ ކޮންމެ ހަރަކާތެއް ޝައްޔާން ދިޔައީ ދިރާސާކުރަމުންނެވެ.
"ސްޕާސްޓާރ ޕާޕާ... ޑޫ ޔޫ ހޭވް އެނީ ބޭބީސް..؟" ވިސްނުމެއް، ފިކުރެއް، ހިޔާލެއް ނެތި، ކުޑަކުޑަ ކިސްވާ ކޮށްލި ސުވާލުން ޝައްޔާންގެ ކަރު ބެދިއްޖެ އެވެ. ދިރުވާލަން އުޅުނު އެތިފޮދު ކަރުގައި ތާށިވެއްޖެ އެވެ
"އަހއް..؟ ވަޓް..؟ ނޯ.. ވައި..؟'' އަންތަރީސްވެފައި ޝައްޔާންގެ ސުވާލުތައް އަމުނާލި އެވެ.
"ތިއީ ހަމަ ވޯލްޑްގެ އެންމެ ބެސްޓް، ކޫލް ޕާޕާ..! ކިސްވާ ސްކޫލްކުދިންގެ ބައްޕަމެން ކަހަލަ، ބޯރިންގ އަންކަލްސް ނޫނީ ކާފަތަކެއް ކަހަލަ ބައްޕައަކަށް ދުވަހަކުވެސް ނުވާނެ.." ކިސްވާގެ ލޮލުން އިޝާރާތްކުރަމުން، އަތް ދިއްކޮށްލާފައި ޝައްޔާން ދައްކައިލަމުން ބުނެލި އެވެ.
"ވޯލްޑްގެ ބެސްޓް، ކޫލް ޕާޕާއަކަށް ވާނެކަމުގެ ހެއްކަކީ ކޮބާ..؟" ބޮޑު ސުވާލެއް ޝައްޔާން ހުށަހެޅި އެވެ.
"މިހައި ގިނައިރުވަންދެން ތި ވާހަކަ ދައްކަނީ، ކިސްވާއަކީ ބޮޑު ކުއްޖެއްކަމަށް ބަލައިގެން.. އެންމެ މުހިއްމު ސިފައަކީ، ނޭގޭކަމަށް ހަދާފައި ގަސްތުގައި، ކިސްވާގެ އައިސްކްރީމުން އެތިކޮޅެއް ސްޕާސްޓާރ ޕާޕާގެ ޖެކެޓުގެ އަތުގައި ހާކާލީމައިވެސް ރުޅިއެއް ނާދޭ.. އެއްވެސް އެއްޗެއް ނުބުނޭ.."
ލޮލުންގެ އިޝާރާތުން ޝައްޔާންގެ އަތުކުރި ދައްކައިލަމުން ކިސްވާ ވާހަކަދެއްކީ، ކުދިކުދި އިނގިލިތަކުން އޭނާގެ ހެކިތަކުގެ ލިސްޓު ގުނަމުންނެވެ. އެވެ.
ޝައްޔާންގެ ހިނިގަނޑު އޭނާގެ ތުންފަތާއި ހަމައަށް އައިކަމުގައިވިޔަސް، މިފަހަރު ކޮންޓްރޯލް ކުރި އެވެ.
"އެހެންވީމާ، މިއީ ކިސްވާގެ ޓެސްޓެއް..؟" އަތުކުރީގައި ހޭކިފައި ހުރި އައިސްކްރީމްގެ ނިޝާނަށް ބަލައިލަމުން ޝައްޔާން ސުވާލުކުރި އެއެވެ.
މިފަހަރު ސުވާލުގެ ޖަވާބު ލިބުނީ ކިސްވާގެ ލޮލާއި ބޮލުގެ ހަރަކާތުންނެވެ. ދެބުމަ އަރުވާލާފައި ބޯ ތަޅުވާލީ ލޯބި ގޮތަކަށެވެ.
"އެހެންވީމަ، ކޫލް، ބެސްޓް ޕާޕާއަކަށް ވުމުގެ ޓެސްޓުން ފާސްވެއްޖެތަ..؟" އަމިއްލަ މެއަށް އިޝާރާތްކޮށްފައި ޝައްޔާން ސުވާލުކުރީ ހިނިތުންވުމާއެކު އެވެ.
އުފާވެރިކަމާއި ކާމިޔާބު، ވިދާބަބުޅަމުންދިޔަ ލޮލުގެ އެސްފިޔަތަށް ތަޅުވާލާފައި ކިސްވާ ހީލި އެވެ. މާޔޫސީ ހިތެއްގެ ފަރުވާއަށްވެސް އެ ހިނިތުންވުން ފުދެ އެވެ.
"އޯކޭ... މިސާލަކަށް، އެއްދުވަހަށް ކިސްވާގެ ޕާޕާއަކަށް މި ސްޕާސްޓަރ ވެއްޖިއްޔާ، ކިސްވާ ނުވަތަ އަހަރުމެން ދެމީހުން ކުރާނީ ކޮންކަންތައް ތަކެއް؟" ވިސްނާލާފައި ޝައްޔާން ސުވާލުކުރީ، ނޭގޭ ބާރަކުން އެސުވާލު އެނާއަށް މަޖުބޫރުކުރަމުން ދިޔައީތީ އެވެ.
ހުވަފެނެއްގައިވެސް އެފަދަ އުފާވެރިކަމެއް ކުއްޖަކަށް ނުލިބޭނެފަދަ ބޮޑު ކާމިޔާބެއް ލިބުމުން، އުފާފާޅުކުރާނެ ފަދައިން ކިސްވާ އަތްތިލަބަޑި ޖަހާފައި ފުންމައިގަތެވެ.
"ފުރަތަމަ، ސްޕާސްޓަރ ޕާޕާގެ ލަވަތަކަށް އަހަރުމެން ދެމީހުން ނަށާނީ.. ދެން ދާނީ، މަގުމަތީގެ ކޮންމެވެސް ޑާބާއަކުން އެއްޗެއް ކާލަން.. ދެން ކިސްވާގެ ސްޕާސްޓަރ ޕާޕާ ހަދާނެގޮތަކީ، ކިސްވާ މި ސިލްކީ އިސްތަށިގަނޑު ގަތާލަދޭނީ.. އެކަމަކު، މައްސަލައަކީ.. އޫމްމްމްމމ.. އެކަމާ އަޅާއިނުލާ... މި އިސްތަށިގަނޑު ހަލާކުކޮށްލަން ބޭނުމެއް ނޫން..!" ވަށްކަޅިން ޝައްޔާންއަށް ބަލައިލަމުން ކިސްވާ ބުނެލީ، އޭނާގެ އެ ނިންމުމަށް އިތުރަށް ޖަވާބުދާރީ ވާންޖެހޭނެކަން އެނގިގެންނެވެ.
ފާއިތުވެގެން މިދާ ކުރު މާޒީގައި ހިނިތުންވެފައި ނުވާވަރަށް، ކުޑަކުޑަ ވަގުތުކޮޅެއް ތެރޭގައި ޝައްޔާން ހިނިތުންވެއްޖެ އެވެ. ހިތުގެ އެންމެ ފުންމިނުން، ހިތްހަމަޖެހުން އިހްސާސްކުރަމުން އަޑުވީއްލާ ހެމުން އެގެންދަނީ، އެފަދަ ހިތްގައިމު ވަގުތުކޮޅެއްގެ އުއްމިދު އޭނާ ކަނޑައިލިތާ އަހަރުތަކަށްފަހު އެވެ.
"ސީރިއަސްލީ ޕްރިންސެސް...؟ ހީކުރީ، ދިގު އިސްތަށިގަނޑު ގަތަން، މި ސްޕާސްޓާރއަށް ނޭގޭނެ ކަމަށްތަ..؟" ހިނިގަނޑުގެ ތެރެއިން ޝައްޔާން ސުވާލުކުރި އެވެ.
މޭދަށުގައި ދެއަތް ހުރަސްކޮށްފައި ކިސްވާ، ޝައްޔާންއަށް ބަލައިލި އެވެ.
"އެކަހަލަ އެއްވެސް ޓެލެންޓެއް ހުރިހެން، ހިޔެއް ނުވޭ.." ނިއްކުރިއަށް ރޫ އަރުވާލާފައި ކިސްވާ ބުންޏެވެ.
"ވަރަށް މޮޅުވާނެ.." ލިބެމުންދިޔަ އުފަލުގެ ތެރެއިން، ޝައްޔާންގެ ފަހުރުވެރި މޫނު ކިސްވާއަށް ދައްކާލި އެވެ.
ދެފަރާތަށް އައްސާލާފައިވާ ކިސްވާގެ އިސްތަށިގަނޑާއި ކުޅެލުމަށް ޝައްޔާން ހަރަކާތްކޮށްލި ވަގުތު، އެކަމަށް އިންކާރު ކުރުމަށް ކިސްވާ ގެނައި ހަރަކާތަކީ ގުދުރަތުގެ ގާނުނުގައި އެއަށްވުރެން ފުރިހަމަ ގުޅުމެއްގެ ނިޝާނެއް ނެތްކަމުގެ، އެތަށް ހެއްކެން ފެނިގެންދިޔަ ލޮބުވެތި ހިނދުކޮޅެކެވެ.
ފިކުރެއް ހިޔާލެއް ނެތި ޝައްޔާންގެ އަތުގައި 'ޖަހާފައި' އެ އަތް، ކިސްވާ ފޮޅާލީ ބޮލުގެ އިސްތަށިގަނޑު ހާވާލުމުގެ ހުއްދައެއް ނުލިބޭނެކަމަށް ބުނުމަށް، ހުށިޔާރުކަމާއެކު އެވެ.
ޝައްޔާންގެ ހިނިގަނޑު ކޮންޓްރޯލެއް ނުވި އެވެ. ދާދި ގާތުގައި އޮވެގެން ސްނޯ ބޯލްގެ ހަރަކާތްތަކުން، ކިސްވާއާއި ޝައްޔާންގެ ސަމާލުކަން ހޯދޭނެ ހުރިހައި ގޮތަކަށް 'ފޮނިކަން ދައްކަމުން'ދިޔަ އެވެ.
ދެމީހުން ސިއްސައިގެން ދިޔައީ އުނދަގުލެއް ނެތި، ޝައްޔާންގެ އުނގުމައްޗަށް ސްނޯ ބޯލް މުންމައިގެން އެރުމުންނެވެ. ލިބިފައިވާ އުފާވެރިކަން ސްނޯ ބޯލް ބުނެދެމުންދިޔައީ އެސޮރުގެ ތޫލި، މިއައުއއއ.. ގެ އަޑާއި، ހުއްޓުމެއް ނެތި ތަޅުވަމުންދިޔަ ނަގުލުގެ އުފާވެރި ހަރަކާތުންނެވެ.
"ޝައްކެއްވެސް ނެތް، މިވަގުތުން ފެށިގެން ތިއީ މި ޓީމުގެ މެމްބަރެއް.." ސްނޯ ބޯލްއަށް ބަލައިލަމުން ޝައްޔާން އަށް އިޝާރާތްކޮށްފައި ކިސްވާ ބުނެލި އެވެ.
ސްނޯ ބޯލްގެ ކެހެރިގަނޑުގައި ޝައްޔާން ފިރުމާލި އެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކިސްވާގެ ހިނިތުންވުމާއި، އޭނާގެ ހަރަކާތްތަކާއި، ދުލުން އިބާރާތްތަށް ބުނަމުންދާ ވަގުތު، ލޮލާއި ހަށިގަނޑަށް ގެންނަމުންދިޔަ ހަރަކާތްތަކަށެވެ. ގާތްކަމެއް އިހްސާސްކުރެވެމުންދިޔަ ގުޅުމުގެ ބާރު ޝައްޔާންއަށް ވަޒަން ނުކުރެވުނަސް، ދަގަނޑަށް ދަގަށްފާނު ދަމާހާއި ބާރަށް ކިސްވާއާއި ގާތަށް ޝައްޔާން ދިޔައީ ލެނބެމުންނެވެ.
ހިތުގައި ޖަހަމުންދިޔަ ވިންދުގައި އެކުލެވިފައިވާ ރާގުގެ އަސަރު ތަރުޖަމާކުރާން ނޭގުނަސް، އެ މިއުޒިކް ހިތުގެ އެންމެ ހިމަނާރާއި ހަމައަށް ވާސިލްވެ ނިމިއްޖެ އެވެ. މާޒީގެ ރާޅުގެ އޮއިގައި ޝައްޔާންގެ ހިޔާލްތަށް އެނބުރިގަތުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. ފުރާނައާއި ނަފުސުގައިވަނީ އެންމެ ހަނދާނެކެވެ.
'އަމާރާ'
ކިސްވާއަށް ބެލި ވަރަކަށް، އެ ހަރަކާތްތަކަށް ވިސްނިވަރަކަށް، ޝައްޔާންގެ ހަނދާންތަށް ގޮސް، ދީލާލަނީ އެންމެ މަންޒިލަކަށެވެ. އަހަރުތަކެއް ކުރީގެ އޭނާގެ މާޒީއަށެވެ.
އެއީ 'އަމާރާ'ގެ ހަންދާންތަކެވެ. ނިމުމެއް ނެތެވެ. ބަދަލުވުމެއް ނެތެވެ. ފަނޑުވުމުގެ ނިޝާނެއްވެސް ނެތެވެ.
"ކިސްވާ، މަންމަ ކޮބާ..؟" ސުވާލު ކުރެވުނީ ޝައްޔާންގެ އިހްތިޔާރުގައިކަމެއް ނުވަތަ އެއީ ދުލުން ބޭރުވި އާހެއްގެ އަޑުކަމެއް އޭނާއަކަށް ނޭގުނެވެ.
"ބިޒީ.. އަބަދުވެސް ބިޒީ... ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމާއި، ބޮޑެތި މީހުންނަށް ހަޅޭއްލެވުމުގައި އަބަދުވެސް ބިޒީ.." ދެ ކޮނޑު އަރުވާލާފައި ލޯބިގޮތަކަށް ކިސްވާ ބުނެލި އެވެ. ނުވަތަ އޭނާގެ 'މުޅިން އައު ބެސްޓްފްރެންޑް'ގާތުގައި އެ ކޮށްލީ ޝަކުވާއެކެވެ.
"ފުރާނަ ސަލާމަތްކުރުމާއި، ހަޅޭއްލެވުމުގައި..؟ އިންޓްރެސްޓިންގ..!" ދެބުމަ ގޮށްޖަހާލާފައި ޝައްޔާން ސުވާލުކޮށްލި އެވެ.
"އެއީ ބައެއް ފަހަރު..! ކިސްވާގެ މަންމައަކީ މުޅި ވޯލްޑްގެ ބެސްޓް މަންމަ..! މަންމަ ވަރަށް ސްޓްރޯންގް ވާނެ.. އެހެން އެއްވެސް މީހެއްގެ އެހީއެއް، މަންމަ ބޭނުމެއް ނުވާނެ.. ކިސްވާއަކީ މަންމަގެ ހާޓް ބީޓް..!" މަންމައާއި މަންމަގެ ހިތްވަރަށް ފަހުރުވެރިވަމުން ކިސްވާ ބުނެލި އެވެ.
އެންމެ ފަހު އިބާރާތްތަށް ބުނެލަމުން ތަފާތު ނަޒަރަކުން، ޝައްޔާންގެ ލޮލަށް ކިސްވާ ބަލައިލި އެވެ.
ކުއްލިޔަކަށް އައި ބަދަލާއިމެދު ޝައްޔާންވެސް ފިކުރު ބޮޑުވި އެވެ. ލޮލުގެ އިޝާރާތުން އަންގާލީ ހުރިހައި ކަމެއް ރަގަޅުކަމަށެވެ. ނަމަވެސް ކިސްވާގެ ނިއްކުރިއަށް ޖަމާވި ރޫތަށް ވީ އިތުރެވެ.
"ކިސްވާއަށް ހީވަނީ، މަންމަ ދޮގުހަދަނީ ކަންނޭގެ..!!؟؟"ކިސްވާގެ ދެ ލޯ ރަތްވެ، މޫނުގެ ކުލަ ބަދަލުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
މަންމައަށްޓަކައި ކުޑަކުޑަ އެ ހިތުގައި ލޯތްބާއި ރިހުމާއި ހަމްދަރުދީ އޮތް މިންވަރު ޝައްޔާންއަށް ވިސްނުނެވެ. ޝައްޔާންގެ ހިތުގައި ރިހުމެއް އުފެދުނީ ކިސްވާގެ ދެ ލޯ ފެންކަޅިވުމުންނެވެ.
ދެން ވެރިވީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ އެވެ. އެކަކު އަނެކެއްގެ ރިހުން ތަހަންމަލް ކުރަމުންދިޔައީ، އެންމެ ގާތުގައިވާ، 'ހާއްސަ ފަރާތަކަށް' އެރިހުމުގެ ހިލަމެއްވެސް ވިޔަ ނުދިނުމުގެ އަޒުމުގަ އެވެ.
ނަމަވެސް ދުނިޔޭގެ ހަގީގަތަކީ ގުދުރަތުގެ ނިޔާއަށް ބަދަލުގެނެވޭނެ އެހެން ގާނޫނެއް ނުވެ އެވެ. ދެހިތުގެ ތެޅުމާއި ރިހުން، އެކަކު އަނެކަކަށް ބުނެދޭން ނުޖެހޭ މިންވަރަށް އެދެމެދުގައިވަނީ ގާތްކަމެވެ. އެއީ ﷲތައާލާ ދުނިޔޭގައި ލެއްވި އެންމެ މާތް، އެންމެ ބާރުގަދަ ގުޅުމެވެ. ބުނެދޭން ނޭގޭ އިހްސާސެކެވެ. ބަޔާން ނުކުރެވޭނެ ޖަޒްބާތެކެވެ. ބާރެއް ނުފޯރުވޭނެ ގަދަފަދަ ވިންދެކެވެ. ބަސްބުނުމުގެ ބޭނުމެއް ނެތް، ޔަގީންކަމެކެވެ.
"ހެއި ޕަރިންސެސް... ތޭންކް ޔޫ ފޯ ކޯލިންގ މީ ޕާޕާ.. ސީރިއަސް ނިންމުމެއް ނޫނަސް ތި އަޑު، މިހިތާއި ކަންފަތަށް ވަރަށް ހިތްގައިމު... ގިނަގިނައިން އެހެން ބުނެލާ އަޑު އަހާލާން ލިބޭތޯ ވަރަށް ދުއާ ކުރާނަން.." ކިސްވާގެ ބުރަކަށީގައި ފިރުމާލަމުން ޝައްޔާން ބުނެލިއިރު އޭނާގެ ދެ ލޯ ފެންކަޅި ވެއްޖެކަން އިހްސާސް ނުވެ އެވެ.
"ވެލްކަމް.. ފޭކް ޕާޕާ..! ދެން ކޮން އިރަކުން އައު މޫވީއެއް ނިކުންނާނީ..؟" ބޮޑު މީހަކު، ސިނަމާގެ އައު ފިލްމަކަށް އިންތިޒާރުކުރާ ފަދައިން ކިސްވާ އަހައިލި އެވެ.
އެސުވާލުގެ ޖަވާބެއް ދޭން ޝައްޔާން ހަރަކާތް ކޮށްލި ވަގުތު އިވުނު އަޑާއި ދިމާއަށް ބަލައިލެވުނެވެ.
"ކިސްވާ.."
"ބޮޑުބޭ، ކިސްވާ މިހުރީ މިތާގައި.." އަތް އުފުލާލާފައި، ކިސްވާ އިޝާރާތް ކުރީ، ކިސްވާ ނުފެނިގެން ހޯދަމުންދިޔަ ރާފީއަށެވެ.
ހަމަ އެސިކުންތުގައި ޝައްޔާންގެ މާސްކު އޭނާގެ އަނގަމަތީގައި އަޅައިފި އެވެ. އުފާވެރި ހިނދުކޮޅަށް ނިމުން އައީ އެވެ. ދުނިޔޭގެ އެންމެ ބޮޑު ނާއިންސާފަކީ މި އެވެ. ކޮންމެ އުފަލަކަށް ނިމުން އައުމަށް، ލަހެއް ފަހެއް ނޯވެ އެވެ. ދައުވަތެއް ނެތި ތިމާގެ ހަޔާތަށް، ރިހުމާއި ތަކުލީފް ބައްދަލުކުރަނީ ދާއިމަށެވެ. ކުއްލިޔަކަށް ފުރަގަހަށް އެނބުރު ޝައްޔާން ކުރިމައްޗަށް ބަލައިލި އިރު، ކޮންމެވެސް ފިރިހެނަކު ކިސްވާ އުރާލައިފި އެވެ. އެމީހަކު ހުރީ ޝައްޔާންއަށް ފުރަގަސްދީގެންނެވެ.
(ނުނިމޭ)