ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ހުއްދަ ނުހޯދާ މުޒާހަރާ ކުރަން ޕީއެންސީން އެއްބަހެއް ނުވި، ބިލު ބޭރުކޮށްލައިފި
ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިދޭތީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވައިލަން އިދިކޮޅު އެމްޑީޕީން ރައްޔިތުން މަޖލިހަށް ހުށައެޅި ބިލި ބޭރުކޮށްލައިފިއެވެ.
Advertisement

ގާނޫނު އުވައިލަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް އަހުމަދު ނަސީމްއެވެ. 

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބިލުގެ ބަހުސް ނިންމައި، ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން، ޕީއެންސީގެ 48 މެންބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

 މެމްބަރު، މީކާއިލް ހުށައެޅުމުގައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިދޭއިރު ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ މިނިވަންކަމަށް ހުރަސްއެޅޭކަމަށެވެ. 

އެހެންކަމުން އެ ގާނޫނު އުވާލަން ބިލެއް ހުށައެޅުމުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ. 

މީގެ އިތުރުން  ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމައުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ކޮންމެހެން ލިބެންޖެހޭ ބާރާއި އިހްތިޔާރު، އެހެނެިހެން ގާނޫނުތަކުން މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ، މި ގާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ނުފެންނާތީ މި ގާނޫނު އުވައިލުން ބިލު ހުށައެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް މީކާއިލް ހުށައެޅުއްވި ބިލުގައިވެއެވެ. 

ހޯމް މިނިސްޓްރީން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނެއް ހަދާ އަމަލުކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އެ ގާނޫނަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފާޑުކިޔާ ވެރިކަމަށް އައިސް އުވާލާނެކަމަށް ބުނި ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ޕާޓީންވެސް ވަނީ ގާނޫނު އުވާނުލާ އަމަލުކުރަން ފަށާފައެވެ. 

މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒުވެސް ވަނީ އިދިކޮޅުގައި ހުންނެވި ދުވަސްވަރު އެގާނޫނާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އިސްލާމް ދީނާއި ހިލާފުނުވާގޮތަށް އެއްވެ އުޅެވޭނެކަމަށް ބުނެ ގާނޫނު އުވާލާނެކަމަށް ރައީސް މުއިއްޒުވެސް ކެމްޕއިންގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެއެވެ. އެހެންނަމަވެސް މިހާތަަނަށް އެކަމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް