ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް އޭގެ ތެރެއިން ފެނިގެންނެވެ.
އޭނާގެ ޔޫރިން، ޓީއެޗްސީ އަށް ޕޮޒިޓިވް ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.
ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށާއި އެއީ އެންޑީއޭގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނެފައި ވެ އެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އެއީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިފަހުން ވެސް އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގަ އެވެ.