ރައީސް މިކަމާއި ގުޅިގެން ކުރެއްވި ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ހާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ކުއްޖަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިހްސާސްތަކެއް ކުރުވި ކަމެއް ކަމުގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވާ ގޮތުން އައްޑޫ ސިޓީ ކައުންސިލްގައި ހިދުމަތް ކުރައްވަމުން ގެންދެވި އެ އަންހެން ކުއްޖާ އަށް ޝަހީދެއްގެ ދަރަޖަ މާތްﷲގެ ހަސްރަތުގައި ދެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަހްމަތުގައި ލެއްވުން އެދި ދުއާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެ އަންހެން ކުއްޖާއަށް އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާއި މަރްޙޫމާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށްވެސް ރައީސް ވަނީ ދުއާ ކުރައްވާފައި އެވެ.
އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު ޒުވާން އަންހެނަކު ހާލު ސީރިއަސްވެ މަރުވެފައިވަނީ އިއްޔެ އެވެ.
ހޮނިހިރު ދުވަހު ހެދި ސިޒޭރިއަނަށް ފަހު އިއްޔެ ފަތިހުގެ ވަގުތެއްގައި މަރުވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން އައި ހިތަދޫ، ތަމަންނާގޭ އާއިޝަތު ނަޒާހަތު އަހްމަދުދީދީ، 28، އެވެ.
ނަހާޒާތުގެ ހާލު ގޯސްވެ މަރުވި އިރު، ކުއްޖާ އަށް ވެސް މިހާރު އަންނަނީ އޭއިއެޗްގައި ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެއީ ނަޒާހަތުގެ އަލަތު ދަރިފުޅެވެ.
މި މަރާ ގުޅިގެން، އިހުމާލުގެ ތުހުމަތު ވެސް ކޮށްފައި ވަނިކޮށް އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް ހޮނިހިރުދުވަހުގެ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުންނެވެ.
އައިއެމްޑީސީން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ހޮނިހިރުދުވަހު ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށެވެ.
އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ