މި ޕާޓްނަޝިޕްގެ ދަށުން ދިރާގުގެ މުވާސަލާތީ ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުން ވަގުތަކު ބަލައިލެވޭ "އޮން-ޑިމާންޑް" ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާއެކު އަގު ހެޔޮކޮށް ބެލުމުގެ ފުރުސަތު ފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކިއެކި ބޭނުންތަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން އެއް މަސް ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިޔާރުކުރެވޭ މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50 ރުފިޔާއިންނެވެ.
މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ "ވީޑިއޯ ކްލަބް މޯބައިލް" ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ހިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމް.ޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް "ސަބްސްކްރައިބް"އަށް ފިއްތާލުމުން ވަގުތުން ހިދުމަތް އެކްޓިވޭޓްވާނެ ކަމަށް ދިރާގުން ބުންޏެވެ. މި ހިދުމަތަށް ދައްކާ ފައިސާ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަން ވެސް ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުމެވެ. މިއީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާގެ އެންމެ އިސް ކުންފުނީގެ ގޮތުގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.