ads
ސަރުކާރުން 206 މަޝްރޫއެއް ހަވާލުކުރުން: ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ އެ ކުންފުނިތަކަށް އިސްކަންދޭން ވަނީ ނިންމައިފައި - ފޮޓޯ/ ރައީސް އޮފީސް
އުސޫލު އިސްލާހުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ނިންމައިފި
ދައުލަތުގެ ޕްރޮކިއުމަންޓްގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާބެހޭ އުސޫލަށް ސަރުކާރުން މުހިންމު އިސްލާހުތަކެއް ގެނެސް، ދައުލަތުގެ ޕްރޮކިއުމަންޓް މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ (އެމްއެސްއެމްއީ) ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްވާނެ ގޮތައް އުސޫލު ގެޒެޓް ކޮށްފަ އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އެ އުސޫލުގައިވާ ގޮތުން ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަގެއްގެ ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭ ނަމަ އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރާނެ އެވެ.

އާ އުސޫލުގައިވާ ގޮތުން، ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއަށްވުރެ އަގު ދަށް ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، ބީލަމުގެ ޝަރުތު ހަމަވާ، އެންމެ މަތިން މާކުސް ލިބޭ ކުންފުންޏަކަށް އިސްކަންދޭން ވާނެ އެވެ.

އޭގެ އިތުރުން ފަސް މިލިއަން ރުފިޔާ އަށް ވުރެ އަގު ކުޑަ ބީލަންތަކުގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭ ނަމަ އެ ބީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކު ކޮށްފައިވާ އަގަށް ވުރެ 10 ޕަސެންޓް ކުޑަ ނަމަ، އެ ރަށެއްގެ ކުންފުންޏަށް އިސްކަން ދޭނެ ކަމަށް އުސޫލުގައި ވެ އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިއްސާ ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާއަތްތަކުގެ ގާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބަދަލަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ދައުލަތުގެ މަޝްރޫއުތަކަކީ އެންމެންނަށް ހަމަހަމަކަމާއެކު ބައިވެރިވެވޭ ފުރުސަތުތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މައިގަނޑު ބަހާ ކަމުގައި ސަރުކާރުން ބަލައިގަންނަކަން ހާމަކޮށްދޭ ނިންމުމެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް