މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ޓެރަރިޒަމް ގާނޫނަށް އިސްލާހު ހުށައެޅުވުމަށްފަހު ކުޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެއްޖެކަމަށެވެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭކަމެއްކަމަށާއި އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އަށް އިޞްލާހު ގެނައުމަށް ހުށައަޅާފައިވާކަމަށް ކުޑޫ ވިދާޅުވިއެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުޑޫ ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއާއި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ ކަމަށެވެ.
މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތަކަށް ގެއްލުން ދިނުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން ވަނީ މާލޭ ފުރުގާނު މިސްކިތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލާ ތަށިމުށިތަކަށްވެސް ގެއްލުން ދީފައެވެ.
މީގެ ދެ ހަފުތާ ކުރިން އައްޑޫ ހިތަދޫގެ މަސްޖިދުލް ޢުމަރުލްފާރޫޤު މިސްކިތަށް ބަޔަކު ވަދެ، އެ މިސްކިތުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ގެއްލުންދީފައިވެއެވެ.