ads
ނަފްސާނީ ބަލީގެ ހާލަތާ ގުޅޭ ފޮޓޯއެއް
ނަފްސާނީ ފަރުވާ ނުލިބުމުގެ ކަންބޮޑުވުން ތަފްސީލުކޮށްދީފި
ނަފްސާނީ ފަރުވާ ނުލިބުމުގެ ކަންބޮޑުވުން އާންމު ފަރާތަކުން ތަފްސީލުކޮށްދީފި އެވެ.
Advertisement

ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އެއްގައި އއ. ހިމަންދޫ ހޮސްޕިޓަލްގައި ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރާމިޒް ވަނީ ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރާއި މެދު ކަންބޮޑުވުން ފާޅުކޮށް އެކަން ކަމަށް ލިބޭ ފަރުވާތައް ވީހާވެސް އަވަސް ގޮތަކަށް އަދި ފުރިހަމަ ގޮތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރަށް ގޮވާލާފައި އެވެ. 

ރާމިޒް ހުސެއިން އޭނާ ސޯޝަލް މީޑިޔާ އަށް ދޫކޮށްލި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އާންމުންނައް ސިއްހީ ދުޅަހެޔޮކަން މާނަ ވެފައި އޮންނަނީ ހަމަ އެކަނި ބޭރު ފުށުން ފެންނަން ހުންނަ ކަންކަމަށް ބަލައިގެން ކަމަށާއި ބޭރުން ފުށުން އެފަދަ ކަމެއް ފެންނަން ނެތް ނަމަ އަޅުގަނޑުމެން ނިންމާނީ އަޅުގަނޑުމެން މި ތިބީ ދުޅަހެޔޮ ސިއްހަތެއްގައި ކަމުގައި ކަމަށެވެ. 

" ދުޅަހެޔޮ ސިއްހަތަކީ ވަރަށް ފުން މާނައެއް އެކުލެވޭ އެއްޗެއް އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ނަފްސާނީ ދުޅަހެޔޮކަން." ރާމިޒް ބުނި އެވެ

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ވިސްނުމާއި ހިޔާލާތާއި ޖަޒުބާތީ ސުއޫރުތަކަށް ދެވިފައި އޮތް ނަމެއް ކަމަށް ފާހަގަ ކުރަމުން ރާމިޒް ބުނީ ނަފްސާނީ ފުރިހަމަ ދުޅަހެޔޮކަމެއްގައި ހުންނަ ފަރާތެއް ނަމަ ދިރިއުޅުމުގައި ދިމާވާ ކަންކަމުން ވަރަށް ފަސޭހައިންަ އަރައިގަންނާނެ ކަމުގަ އެވެ. 

ރާމިޒު އިތުރަށް ފާހަގަ ކުރި ގޮތުގައި ދިވެހި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ނަފްސާނީ ބަލީގެ ސިކާރާއަކަށް ވެފައިވާ މީހެއް ކަމަށާއި ނަފްސާނީ މައްސަލަތަކަކީ އަޅުގަނޑުމެން ހީކުރާވަރަށް ވުރެން މާ ބޮޑަށް މުޅި ދުނިޔޭގައި ފެތުރިފައިވާ ކަމެއް ކަމުގައި އެވެ. 

ނަފްސާނީ މައްސަލަތަކަކީ އެޔަށް ފަރުވާތަކެއް ލިބެން ހުރި ކަމެެއް ކަމަށާއި އެކަންކަމުން އަރައިގަތުމަކީ އުނދަގުލުން ނަމަވެސް ކުރެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

ނަފްސާނީ މައްސަލަތަކަކީ އެކި މީހުންނައް އެކި ގޮތް ގޮތަށް ތަޖުރިބާ ކުރެވޭ ކަމެއް ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ މިކަމުން އަރައިގަތުމަށް އެންމެންވެސް އެހީތެރިވުން މުހިންމުކަމުގަ އެވެ. 

މިހުރިހާކަމެއް މިހެން ހުރި އިރުވެސް ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް މިކަމަށް ބޭނުންވާ ފަރުވާތައް ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެ ގޮތުން ސިއްހީ ފަރުވާ ފޯރުކޮށްދޭ ތަންތަނުގައި ސައިކޭޓްރިސްޓުންގެ އަދަދު ވަރަށް މަދު ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައި އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް 700 އަށް ވުރެން ގިނަ މީހުން ވެއިޓް ލިސްޓުކޮށްގެން ތިބި އިރު މިކަމަށް ހައްލެއް ސަރުކާރުގެ ފަރާތުން ހޯދާދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްަ އޭނާ ވަނީ ފާހަގަ ކޮށްފައި އެވެ. 

2019 އިން 2022 ވަނަ އަހަރާއި ހަމަޔަށް އެކަނިވެސް އައިޖީއެމްއެޗްގައި ގާއިމުކޮށްފައި ހުރި ނަފްސާނީ ފަރުވާދޭ ޑިޕާޓްމަންޓުން 55000 އަށް ވުރެން ގިނަ މީހުންނައް ފަރުވާ ދެވިފައި ވުމަކީ ރާއްޖޭގައި ނަފްސާނީ މައްސަލަތައް ހުރި މިންވަރު ވަރަށް ސާފުކޮށްދައްކާދޭ ކަމެއް ކަމަށް އޭނާ ބުނި އެވެ. 

މި އެންމެނަށް ފަރުވާދޭނެ ބޭނުން ވާ ވަރަށް ވަސީލަތްތަކެއްވެސް އަދި އެކަމަށް ހާއްސަ ޑޮކްޓަރުންނެއް ވެސް ނެތް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައި އެވެ. 

އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ރާއްޖެ ފުރާވަރު އުމުރުގެ ސްކޫލު ކުދިންގެ ތެރެއިން ކޮންމެ ހަކުއްޖަކުން އެއްކުއްޖަކީ ނަފްސާ މައްސަލަތަކާއި ގުޅިގެން އަމިއްލަ އަށް މަރުވުމާއި މެދު ވަރަށް ސީރިއަސްކޮށް ވިސްނާފައި ތިބި ކުދިން ކަމަށާއި އެއީ ވަރަށްވެސް ހިތާމަވެރި އަދި ބިރުވެރި ކަމެއް ކަމުގައި އެވެ. 

އެކުދިން އަމިއްލައަށް މަރުވުމާއި މެދު އެހާ ބޮޑަށް ވިސްނަން ފަށަނީ އެ ކުދިންގެ ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންކަމާއި ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަތަކަށް ކެތްކުރެވިގެން ކަމަށާއި ޓީނޭޖް އުމުރުގެ ކޮންމެ ހަތްކުއްޖެއްގެ ތެރެއިން އެއްކުއްޖެއް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވަނީ ހާމަ ކޮށްފައި އެވެ. 

ނަފްސާނީ މައްސަލަތަކުގެ ވާހަކަ އަކީ ދައްކައިގެން ހައްލު ކުރަން ޖެހިފައިވާ ވަރަށްަ ބޮޑު މައްސަލައެއް ކަމަށާއި ނަފްސާނީ މައްސަލައެއް ދިމާވެފައިވާ ފަރާތަކުން އެ ވާހަކަ ނުދައްކާ ތިބެގެން އެކަމާއި ހަނގުރާމަ ކުރަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ސޯޝަލް ސެންޓުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.

އެކަމަކު، 2026 އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،" ރައީސް ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް އަވަސް ފަރުވާއެއް ލިބުމަކީ ވަރަށް ބޮޑު ހައްލެއް ކަމަށާއި އެކަން ކުރުމަށް ގާއިމު ކުރަން ޖެހޭ އިންތިޒާމުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު ނާޒީމް މިފަހުން ވަނީ ވިދާޅުވި އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ނަފުސާނީ މައްސަލަތައް ގިނަ ގައުމެކެވެ. ނަމަވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ދިގު ކިޔޫއެއްގައި ތިބެން ޖެހުމަކީ އެތައް ބަޔަކަށް ތަކުލީފަކަށް ވެފައިވާ ކަމެކެވެ.

ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ރަށްރަށަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އޭގެ ތެރެއިން، ހަފްތާ14 ގެ އެޖެންޑާގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަމްބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ހިދުމަތް މިހާރު ކޮންމެ ގަޑިއެއްގައި ވެސް ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ. މިހާރު ވެސް ގިނަ ބަޔަކު އެ ހެލްޕްލައިންގެ ބޭނުން ހިފާ ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް