ޑްރައިގާއި ދެކޮޅަށް 'އޮޕަރޭޝަން އަލިމަގު'ގެ ނަމުން ނަން ދީފައިވާ އޮޕަރޭޝަނެއް ފުލުހުން ފެށީ މީމަހުގެ 13 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެ އޮޕަރޭޝަންގައި މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާކަމަށެވެ. އަދި އޮޕަރޭޝަން ނިންމާލިއިރު 110 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
އެހެންނަމަވެސް، މި އޮޕަރޭޝަނުގެ ތަފްސީލެއް ފުލުހުންނެއް ނުދެއެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން ފުލުހުން ވަނީ މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދީފައެވެ.
އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ޑްރަގުގެ ބާވަތްތައް
މީގެ އިތުރުން މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ބޭނުންވާ ސާމާނާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ސާމާނު ވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.