ads
ބިން ހިއްކަން ގެނައި އިތުރު ޑްރެޖަރު: ހުޅުމާލެ ތިންވަނަ ފިޔަވަހި އަންނަ މަހު ފަހުކޮޅަށް ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް
އާ ޑްރެޖަރެއް ގެނެސްފި, އަމާޒު ހުރީ ގިރާވަރުފަޅު ތިން މަހުން ހިއްކާ ނިންމަން!
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމަށް އާ ޑްރެޖަރެއް މިހާރު ގެނެސްފައިވާ ކަމަށާއި ގިރާވަރުފަޅު ކުރިއަށް އޮތް ތިން މަހެއްހާ ދުވަސްތެރޭ ހިއްކާ ނިންމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާ ޑްރެޖަރު މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި ފޭސް 3 ހިއްކުމުގެ މަސައްކަތް މާދަމާ އެ ޑްރެޖަރުން ކުރަން ފަށާނެ ކަމަށެވެ. އަދި ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއާއެކު ގިރާވަރުފަޅު ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތަކާއި އެހެންވެސް އިދާރީ ކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި އެއަށްފަހު ހުޅުމާލެ ފޭސް 3 ހިއްކުމުގައި އުޅޭ ދެ ޑްރެޖަރު، ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފަށާތާ ދެތިން މަސްތެރޭ ގިރާވަރުފަޅު ހިއްކާ ނިިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ސަރުކާރުން ނިންމާފައިވަނީ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ހުޅުމާލެ ފޭސް 3 ގައި ހިއްކުމަށް ބާކީ އޮތީ 35 ހެކްޓަރުގެ ބިމެވެ.

ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފަ އެވެ.

ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ދެ ކުންފުންޏަކާ އެވެ. ދެ ކުންފުނިން ވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް