މިއަދުގެ މުނާސަބަތުގައި ހުރިހާ ސްޓާފުންނަށް ވަރަށް ހޫނު ތަހުނިޔާއެއް ދަންނަވަމެވެ. ހަމަ މި ނޭވާގައި މި ނުރައްކާތެރި ވަގުތުގައި ކޮވިޑް-19 އިން ދިވެހި އުއްމަތް ސަލާމަތް ކުރުމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ސީއެންއެމް ޓީމުން ޝުކުރު އަދާ ކުރަމެވެ. އަދި މި ނުރައްކާތެރި ހާދިސާ ކިޔުންތެރިންނާއި ބެލުންތެރިންނަށް ގެނެސް ދިނުމަށްޓަކައި ސީއެންއެމް ޒުވާން ޓީމު ވެސް ވަނީ ރައްކާތެރިކަމުގެ ގޮތުންނާއެކު އޮފީހުގައި "ބަންދު" ވެފައެވެ.
މީގެ ނުވަ އަހަރުކުރިން، މޭ 3، 2011 ގައި ސީއެންއެމުގެ ދަތުރު ފެށީ ވެސް މީޑިއާތަކުގެ މައްޗަށް އޮތް ނުފޫޒާއި އެކުގައި މަސައްކަތް ކުރި ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުގެ ތަޖުރިބާއާ އެކު އެ ނޫން މަންޒިލެއް ހޯދުމަށެވެ. ތަފާތު ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް ސީއެންއެމުގެ ޓީމުގެ މި ދަތުރަށް ފަހިކަން ހޯދުމުގައި މިއަދާ ހަމައަށް ވެސް މިތިބީ އޮޑި ދުއްވުމުގައި ވަރުބަލިކަމެއް ނެތި އެވެ.
ސީއެންއެމްއަށް މިއަދު ނުވަ އަހަރު ފުރި ޅަ އުމުރުގައި، ކުރިއަށް ވުރެ އަމާން ކަނޑެއްގައި ދަތުރުކުރި ނަމަވެސް މާޒީގެ ހަނދާންތައް މި ކަހަލަ ވަގުތެއްގައި އާވެ އެވެ. ސީއެންއެމް ރަޖިސްޓްރީކޮށް ހިންގުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ދަތުރު ކުރަނީ، ދަތުރުގައި ޖެހުނު އެތައް ކޮޅިގަނޑުކުން ސަލާމަތްވުމަށް ކުރެވުނު ބުރަ މަސައްކަތުގެ ސަބަބުންނެވެ.
މާޒީގެ ތެރެއަށް ދޯނި އަނބުރާ ނުލި ނަމަވެސް ފަސް އެނބުރި މި ބަލާލަނީ ސީއެންއެމް ހިންގަން ފެށުނު ގޮތުގެ މައްޗަށެވެ. ފުރަތަމަ ސީއެންއެމް ވުޖޫދުވެގެން ދިޔައީ، އަޅުގަނޑު، އިސްމާއީލް ރަޝީދު އާ އެކުގައި މަސައްކަތް ކުރި ދެތިން އެކުވެރިންނާއެކުގަ އެވެ. އަހުމަދު ހައިދަރު އިބްރާހީމާއި މިއުސަމް އައްބާސް އާ އެކުގަ އެވެ. އެ ދަތުރަށް އެހީތެރިކަން ފޯރުކޮށް ދެއްވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ. މި ފުރުސަތުގައި އެ ހުރިހާ ބޭފުޅުންނަށް ހައްގު ޝުކުރު އަދާ ކުރަމެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމުގައި ކުރިމަތިވި ސިޔާސީ ޕްރެޝަރު ބޮޑުވެގެން ސީއެންއެމްއިން ކުރަމުން އައި ދަތުރު މެދު ކަނޑާލަން ޖެހުނު ހަނދާން އަދި ވެސް އިއްޔެ ހިނގިކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ. އެ ހިތްދަތިކަން އިހުސާސް ކުރަން ޖެހުނީ ސީއެންއެމް ރަޖިސްޓްރީކުރި އެންމެ މުހިންމު މަގުސަދު، ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ކުރި މަސައްކަތް ހުއްޓާލުމަށް ބާރު ހުރި ފަރާތްތަކުން ކުރި ޕްރެޝަރަށް ބޯނުލެނބުމުންނެވެ. ދަތުރުގެ ކުރީކޮޅުގައި އެފަދަ އެތައް ކޮޅިގަނޑެއްގައި ޖެހުނު އިރު، ސީއެންއެމްއަށް ވުރެ ބޮޑެތި އޮޑިތައް ދިޔައީ ރައީސް ޔާމީން ވެރިކަމުގައި ހިންގި ކޮރަޕްޝަނުގެ އަމަލުތައް ވައި ދަށުން ދޫކުރަމުންނެވެ.
ސީއެންއެމްގެ ދަތުރު ކުރުކޮށްލި ނަމަވެސް، ސީއެންއެމް ޓީމުން ކުރަމުންދިޔަ ދަތުރު ހުއްޓައެއް ނުލެވެ އެވެ. ސީއެންއެމްގެ ޓީމުން ވަނީ ވޮއިސް އޮފް ފްރީ ޕްރެސް (ވީއެފްޕީ)ގެ ނަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ނިކުމެފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިހާބަށް ވޯޓު ލާން ތައްޔާރުވެފައި ވަނިކޮށް، އަޅުގަނޑުމެންގެ ޓީމުގެ ހަގީގީ ނަން "ސީއެންއެމް" ދަތުރައިގެން ދުއްވަން ފެށީމެވެ.
އެކަމަކު އެ ދަތިތަކާ އެކު ވެސް އަޅުގަނޑުމެންގެ އަތުގައި ހިފައިގެން އޭރު ތިބި ކުންފުނިތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. މި ދަތުރުގެ މާޒީގެ ވާހަކަ ހުއްޓާލާފައި ކުރިއަށް ބަލަމާ ހިނގާށެވެ؛ މިއަދު "ސީއެންއެމް" އަކީ ކުރިއަށް ވުރެ އެތައް ގުނައެއް ކިޔުންތެރިން ގިނަ ނޫހެކެވެ. އަވަހަށް، ތެދު ހަބަރުތައް ގެނެސްދިނުމަށް އަތުކުރި އޮޅާލާފައިވާ ޒުވާން ޓީމެއް އަޅުގަނޑުމެންނާ އެކު އެބައޮތެވެ. އެޓީމާއެކު ކުރަމުންމިދާ ދަތުރުގައި މިދިޔަ އަހަރުވާނީ އިތުރު ޕްލެޓްފޯމެއް ގާއިމްކޮށްފަ އެވެ. ސީއެންއެމް އޮންލައިން ނޫހުގެ އިތުރުން މި ޒުވާން ފަޅުވެރިންގެ ޓީމުން މިދިޔަ އަހަރު ވަނީ ސީއެންއެމް ޓީވީގެ ހިދުމަތް ފަށާފައެވެ.
މިނިވަން ނޫސްވެރިންކަން ހިމާޔަތް ކުރުމަށް "ވީހާލެއްގައި ވާން" ތައްޔާރަށް އޮތް ޓީމެކެވެ. މި ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ކިޔުންތެރިންނާއި ބެލުންތެރިންނަށް ކަމުދާ ގޮތަށް ނިއުސް ޕްލެޓްފޯމްތައް އިންތިޒާމު ކުރުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު، ރަނގަޅު ބަދަލުތައް ފެންނާނެ އެވެ. ކޮންޓެންޓް އިތުރުކޮށް، ތަފާތު ދާއިރާތައް ކަވަރު ކުރުމަށް ދުވަހެއް ދުވަހަކަށް އިތުރަށް މަސައްކަތްތައް ކުރަމުން ދާއިރު، މިއަދު ސީއެންއެމް ދަތުރު މިކުރަނީ އެންމެ ބާރު ސްޕީޑުގައި ދަތުރު ކުރަމުންދާ މީޑިއާތައް އަތު ޖެހޭހާ ވެސް ކައިރިންނެވެ. މިއީ މި ދަތުރަށް އަރާ ތިބި ޒުވާން ޓީމުގެ ކުޅަދާނަ ކަމެވެ. މި ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކަށްވާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމު ވަރުގަދަކުރުމެވެ.
ކުރިއަށް އޮތް ތަނުގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަފާތު އާ ޕްރޮޑަކްޓްތައް ނެރުމަށް ސީއެންއެމްގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. މިއަދުގެ އުފަލުގައި ސީއެންއެމްގެ ކިޔުންތެރިންނަށް ހާއްސަ ޝުކުރެއް އަޅުގަނޑުމެން އަރިސް ކުރަމެވެ. ތިޔަ ބޭފުޅުންނާއި ނުލާ އަޅުގަނޑުމެންނަށް ކާމިޔާބު ނުލިބޭނެ އެވެ. އަދި އޭގެ އިތުރުން މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިންގެ ދުވަސް ކަމުން، ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް ހޫނު މަރުހަބާ އެއް ސީއެންއެމްގެ ޓީމުން އަރިސް ކުރަމެވެ.