ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމާ ރަސްމީކޮށް އެކަން އިއުލާންކޮށްފިއެވެ.

Advertisement
އާ ދައުރަކަށް ވާދަކުރަން ނިންމިކަން އިއުލާންކުރައްވާ ރަފީގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހަތަރުވަރަކަށް އަހަރުތެރޭ ކައުންސިލް ހިންގުން ހަރުދަނާކުރުމަށާއި އަދި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވާކަމަށެވެ.
" ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާ، މައިކްރޯ ފައިނޭންސް ސްކީމެއް ފަށާ، ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކާ އިޝްތިހާރުކުރުމަށް ފުރުސަތުތައް ހުޅުވިގެންދިޔަ. ފުވައްމުލައް އިޝްތިހާރުކުރުމަށް ބޭރުގެ ފެއާތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ވަނީ ހިންގަން ފެށިފައި." ރަފީގު ފޭސްބުކްގައި ކުރެެއްވި ޕޯސްޓްގައިވެއެވެ.
ރަފީގު ވިދާޅުވީ އޭނާ ފުވައްމުލަކޫ ސިޓީ ތަރައްގީކުރަން ރާވާފައިވާ ޕްލޭންގައި ހިމެނޭކަންކަން އަދި ނުނިމޭކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް އިތތުރު ދައުރެއް ބޭނުންވާކަން ފާހަގަކުރައްވާ އަންނަ ދައުރަށް ކުރިމަތިލާން ނިންމިކަންވެސް ރަފީގު ވަނީ ހާމަކުރައްވާފައެވެ.
" އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލްކުރަންބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއް ނޫން. ފެށިފައި ހުރިކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައި ހުރި އިތުރުކަންކަން ފަށާ އެކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ." ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމިކަން އިއުލާންކުރައްވާ ރަފީގު ފޭސްބުކްގައި އާއްމުކުރެއްވި ޕޯސްޓުގައިވެއެވެ.
ސަރުކާރަކާއި ގުޅިގެން، އެއްބާރުލުން ދީގެން ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ މަޝްރޫއުތަކަށް މަގުފަހިކޮށްދޭން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަން ރަފީގު ވަނީ ފާހަގަކުރައްވާފައެވެ.