އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްސީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.
އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންވަނީ، ސިންދަފާތު ދާއިރާތަކުން ހިޔާލު ހުށަހަޅުއްވައި ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
އެގޮތުން، މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތައް އަދި ޕަބްލިކް ވާކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި ހިޔާލުތައް ހިމެނެ އެވެ.