ސައީދު މިއަދު ޝޯސަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫން ކަމުގަ އެވެ.
ބޭންކުން ލޯނުދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފަ މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައި އެވެ.
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އެ ޕްރޮޖެކްޓުތަކަށް ފައިނޭންސް ނުކުރުމަށް އެދި ބީއެމްއެލްއަށް އިއްޔެ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީއަށް ވެސް ބޭންކުން ނުސީދާ ރައްދެއް މިއަދު ދިނެވެ.
އެ 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް ވެސް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެމްޑީޕީން ސިޓީއެއް ހުށަހަޅާފައި ވެއެވެ.