މީރު ކާނާގެ ތާޒާ ވަސް މުޅި ގޭތެރޭގައި ހިފާލާފައި ވެއެވެ. ބަދިގޭގައި ޖައްސާފައިވާ ހުޑްގެ އަޑަށް ވުރެން، ފަރީހާގެ ހިތްގައިމު އަޑު ގަދަ އެވެ. ނުވަދިހައިގެ ކުރީކޮޅުގެ ރީތި ލަވައެއްގެ ރާގެއް އަޅުވާލައިގެން ހުރެ ކައްކަމުންދިޔައީ، ދަރިންނަށް މީރު ކެއުމެއް ހަދިޔާކޮށްލުމަށް މިރޭ ހިތް އެދޭތީ އެވެ.
އަމާރާ އިނީ، ދޮވުނު އެއްޗެހިތަށް ހިފައިގެން އައިސް، ފަށްޖަހަން ސޯފާގަ އެވެ.
"ބޮޑުބެ، ހޮސްޕިޓަލަށް ދިޔަ ވަގުތު ރެސްޓޯރެންޓުގައި ބަސްއެހިންތަ..؟ ވާހަކަ އޮޅުވާލައިފިއްޔާ މަންމައަށް އިނގޭނެ.. އެއީ މަންމަގެ ސެކަންޑް ހޯމްކަމާއި، ހުރިހައި ސްޓާފުން މަންމައާއި ވަރަށް ރަށްޓެހިކަން ކިސްވާއަށް އެނގޭދޯ.." އަމާރާ އެބުނީ ވަރަށް ބޮޑު ތެދެކެވެ.
އެއީ އަމާރާ އާއި ކިސްވާގެ އެންމެ މަގުބޫލް އެއް މަންޒިލެވެ. އެ އާއިލާއަށް، އަމާރާގެ ދެވަނަ އާއިލާއެއްގެ ގޮތުގައި އެތަނުގެ ސްޓާފުންނާއި މެނޭޖްމެންޓް ފުދެ އެވެ. ހާއްސަކަމެއް އޮތްނަމަ ދައުވަތު ދިނުމާއި ލިބިގަތުމުގައި ދެފަރާތް ހަމަހަމަ އެވެ. ރެސްޓޯރެންޓުގައި އިންނަ ވަގުތެއްގައި ހޮސްޕިޓަލުގެ އިމަރޖެންސީއެއް އަތުވެއްޖެ ނަމަ، އެތަނުގެ އިތުބާރު ހިފޭ ސްޓާފުންނާއި ކިސްވާ ހަވާލުކޮށްފައި އަމާރާ ދިއުމުގެ ހުއްދަ، 'އޯނަރ' އޮންނަނީ ދެއްވާފަ އެވެ. ރެސްޓޯރެންޓުން ގެއަށް އައުމާއި ހޮސްޕިޓަލަށް ދިއުމަށް އިހްތިޔާރު ކުރަންޖެހެނީ މުޅިން ތަފާތު ރާސްތާއެކެވެ.
އިމަޖެންސީއެއް ކުރިމަތިވެއްޖެ ހިނދެއްގައި ކިސްވާ ގެނެސް ގެއަށް ލައިފައި ދާން އުޅެފިނަމަ، އެދެމެދުގެ ޓްރެފިކްގައި މަދުވެގެން ގަޑިނުވަތަ ދޮޅުގަޑީރު ހޭދަކުރަންޖެހޭނެ އެވެ.
"ޑެސްޓިނީގެ، ސިސްޓަރސް އެންޑް ބްރަދަރސްގެ އިތުރުން އެހެން ބެސްޓްފްރެންޑެއް މިއަދު ލިބިއްޖެ.." ލޮލުގެ ކަޅި އަނބުރާލާފައި އެކި ދިމަދިމާއަށް ބަލައިލަމުން ކިސްވާ ބުނެލި އެވެ. އެ ބުނެލުމުން ގޭތެރެއަށް އަންނާނެ ޒަލްޒަލާ މާކުރިންވެސް ކިސްވާއަށް އެނގެ އެވެ. މަންމައަށް ދޮގުހެދުމަކީ، ނުވަތަ ފާޅުގައި ކަމެއް އޮޅުވާލުމަކީ ކިސްވާއަށް އޮތް އިހްތިޔާރެއް ނުނެވެ.
ކުއްލިޔަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ ކިސްވާއަށެވެ. ރާފީގެ ޅިނދުގެ ދެފަރާތުން ހިފަހަށްޓާލަމުން ކިސްވާއާއި ކުރިމަތިލި އެވެ. ސުވާލު ގޯނި ފުރަތަމަ އޮއްސާލީ އަމާރާ އެވެ.
"ކީކޭ..؟ ކާކު..؟ ކިހިނެއް ހުރި މީހެއް..؟ ކީއްވެ ކިސްވާ ވާހަކަ ދެއްކީ..؟ ކިސްވާގެ ބެސްޓް ފްރެންޑަކަށް އެމީހަކު ވާންޖެހުނީ ކީއްވެ..؟" އަމާރާގެ ނިއްކުރިއަށް އެއްވެފައިވާ ރޫތަށް ގުނާނެ ވަގުތެއް ރާފީއަކަށް ނެތެވެ. އިންތިޒާރު ކުރަމުންދިޔައީ ކިސްވާގެ ޖަވާބަށެވެ.
"ލައިގެން ހުރީ ބްލެކް ހޫޑީއެއް.. އަޅިގެން ހުރީ ބްލެކް އައިނެއް.. ބްލެކް މާސްކް އެއް.. ބްލެކް ކެޕް އެއް.. ވައްތަރީ، ސީކުރެޓް އޭޖެންޓަކާއި.." ޖަވާބު ފުންޏެއް، އިނގިލިތަކުން މުގުރާލުމަށްފަހު، އެއް ލޯ ކުޑަކޮށްލާފައި އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ކިސްވާ ބަލައިލީ ރާފީއާއި އަމާރާ އަށެވެ.
"ކިސްވާގެ ސްޕާހީރޯ ކަލެކްޝަނުން، މެމްބަރެއްތަ؟" ވިސްނުމެއްގެ ތެރެއިން ކޮށްލި ސުވާލެއްގެ އެކްޓިން ރާފީ ދައްކައިލީ ކިސްވާ އެބުނި
އެއްޗަކީ، އޭނާގެ ހިޔާލީ ދުނިޔެއިން ނެރުނު، އަންދާޒާއެއްކަމަށް ނިންމާފަ އެވެ.
"ނޫނޭ، ނޫނޭ، އެއީ ސްޕާސްޓާރ... އަ ރިއަލް ސްޕާ-ސްޓަރ.." އެހެން މީހަކަށް އަޑުނީވޭނެ ވަރަށް މަޑުމަޑުން ކިސްވާ ބުނެލި އެވެ. އެކަމަކު ކޮންމެވެސް ޖަވާބެއް ނުދީ ސަލާމަތެއް ނުވެވޭނެކަން އިނގޭތީ ޖަވާބަކަށް ތައްޔާރުވި އެވެ.
"އެއީ ވަރަށް ރަގަޅު މީހެއް.. ލޯބި ލޯބި ކިސްވާ ވަރަށް މަޖާވީމަ، ކިސްވާއާއި ވާހަކަ ދައްކަން، އެ އަންކަލް އައީ.. އެކަމަކު ކިސްވާ ބުނިން އެއީ އަންކަލް އެއް ނޫނޭ، އެއީ ކިސްވާގެ ޕާޕާ އޭ.." މުޅި ގޭތެރެ ބުރައިގެން ދާވަރުގެ ބޮމެއް ކިސްވާ ގޮއްވާލި އެވެ.
ގޭތެރޭގައި ތިބި ތިން މީހުންގެ ހިތުގެ ވިންދު ހުއްޓިގެން ދިޔަކަމުގެ އިޝާރާތެއްވެސް އެ ކުޑަކުޑަ ފުރާނައަށް ނުވެ އެވެ.
"ޔޫ ވަޓް..؟؟؟؟" ހިމޭންކަން ފުރަތަމަ ފޫ އަޅުވާލީ، އަމާރާ އެވެ.
"ހާސްނުވޭ މަންމާ.. އޮންލީ ޓު ހެލްޕް ހިމް.. އެއީ އަހަރުމެން ދެމީހުންގެ ސީކުރެޓް ކޯޑް ނޭމް.." ފިކުރެއް ހިޔާލެއް ނެތި ކިސްވާ ބުނެލި އެވެ.
އަމާރާގެ ނިއްކުރީގައި ދެއަތުން ބާރަށް ހިފަހަށްޓާލި ވަގުތު ރާފީ ބުނެލި އަޑު އިވުނެވެ.
"ﷲއަކުބަރު...! މި ކުޑަކުޑަ އިންސާނާގެ ކިބައިން، މި ބޮޑު ބޮޑު ދިއްލީ ސަލާމަތް ކުރައްވާށި..!" ދެފަރާތަށް ބޯ ހޫރުވާލާފައި ރާފި ވެއްޓިގަތީ ސޯފާ އަށެވެ.
ނޭގެ އޮއެވަރެއްގެ ފުންކަން އަމާރާގެ ހިތުގެ ވިންދު އިހްސާސްކޮށްދީފި އެވެ. އުނދަގޫ ރިހުމެއްގެ ބާރުން އޭނާގެ ދެ ލޮލުގެ އެސްފިޔަތަށް ލައްޕާލަން މަޖުބޫރުވި އެވެ.
"ނުދަންނަ މީހުންނާއި އެ ގޮތަށް ވާހަކަ ނުދައްކަން، މަންމަ އަބަދުވެސް ކިސްވާއަށް ބުނެދެން.. ދަރިފުޅު އެކަން ހަނދާން ނައްތާލާކަށް ނުވާނެ ނުން.. އެއީ ކިހައި ނުރައްކާ ކަމެއްކަން، މަންމަގެ ބްރޭވް ދަރިފުޅަށް އެނގޭދޯ..! އެގޮތަށް ދިމާވާ މީހަކަށް 'ޕާޕާ' ކިޔަން ހެޔޮ ނުވާނެ، ދަރިފުޅާ.." ފިކުރު ބޮޑުވުމުން އަމާރާ މަސައްކަތްކުރީ، ކިސްވާއަށް އިތުރަށް ވިސްނައިދޭށެވެ.
"އެއީ ނުދަންނަ މީހެއް ނޫނޭ މަންމާ.. އެއީ ވަރަށް ގާތް މީހެއް.. އައި ލައިކް ހިމް އަ ލޮޓް..!" އަމާރާގެ ލޮލަށް ބަލަމުން ކިސްވާ ބުނެލި އެވެ.
އެ ލޮލާއި ހަށިގަނޑުގެ ހަރަކާތްތަކުން އަމާރާއަށް ފެނުނު ޔަގީންކަމާއި އެ ޖަޒްބާތު އޭނާގެ ހިތުގެ ބިރުވެރިކަން އެތަށް ގުނައެއް ބޮޑުވެއްޖެ އެވެ.
"ކޮންމެ ގޮތެއްވިޔަސް، ޕާޕާއޭކިޔާފައި އެއްވެސް ކުއްޖަކާއި ކިސްވާ ވާހަކައެއް ނުދައްކާނެ.. އެއްވެސް ކުއްޖެއްގެ ފޭކް ޕާޕާއެއް ނުހުންނާނެ.. ކިސްވާއަކީ މަންމަގެ އެންމެ މޮޅު، އެންމެ އިންޓްލިޖެންޓް، ވަރަށް އިތުބާރުކުރެވޭ، ވަރަށް ބަސްއަހާ ކުއްޖެއް... ދެން އެކަހަލަ ކަމެއް ނުކުރާނަން ކަމަށް 'ޕްރޮމިސް' ކުރަންވީނުން..! އެ ގޮތް ކިސްވާއަށް އޯކޭ ތަ..؟" އެވަގުތުވެސް އަމާރާއަށް މުހިއްމުވީ ކުޑަކުޑަ ދަރިފުޅުގެ އިޒްނަ އެވެ.
އެކަމުގައިވެސް ދަރިފުޅުގެ ހިޔާލް ހުރި ނެތް ގޮތެވެ. ގަދަބާރު ދެއްކުމެއް ނުވަތަ އެދަރިފުޅުގެ މައްޗަށް އޭނާގެ ހައްގު ގަދަކުރުމަށް އަވަސްވެގަތުމެއް ނެތެވެ.
"އޯކޭ، މަންމާ... ޕްރޮމިސް! ނޯ މޯ، ސްޓްރޭންޖަރސް.." ކުޑަކުޑަ ކިސްވާގެ ހިތުގައި ހިނގަމުންދިޔަ އޮއެވަރުގެ ބާރެއް އަމާރާއަށް އަންދާޒާވެސް ނުކުރެވެ އެވެ. ކިސްވާއާއި ޝައްޔާންއާއި ދެމެދުގައި 'ސްޓްރޭންޖަރސް'ގެ ލޭބަލް ނެއްޓިއްޖެ އެވެ.
މިހާރު އެއީ 'ޓީމް މޭޓެ'ކެވެ. އެކަމަކު މަންމަގެ ލޮލުގެ ކަރުނައާއި މަންމަގެ މޫނުން ފެނުނު ބިރުވެރިކަމުގެ އަސަރުތަކަށް ވިސްނާފައި، އެ ހަގީގަތް މިވަގުތު ހާމަކުރުން ރަގަޅު ނޫންކަމަށް ކިސްވާގެ ކުޑަކުޑަ ސިކުނޑިއަށް ވިސްނުނެވެ. މަންމަގެ ހުފަލާއި ހިތްހަމަޖެހުމަށްވުރެން މުހިއްމު އެއްޗެއް ކިސްވާއަށް ނޯވެ އެވެ. ނަމަވެސް ކިސްވާގެ ހަޔާތުން މުޅިން އައު މަގާމެއް 'ސްޕާސްޓަރ' އަށް ނުވަތަ 'ފޭކް ޕާޕާ'އަށް ދެވިއްޖެ އެވެ.
....................
އެނދުމައްޗަށް އަރައި ދެފައި ވައްކޮށްގެން ކިސްވާ އިނީ ހެޑުބޯޑުގައި ލެނގިލައިގެންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހިފައިވާކަމުގެ ކުލަތަށް ކިސްވާގެ ލޮލުން ބަބުޅަމުންދިޔަ އެވެ. އޭނާގެ އުނގުތެރޭގައި ސްނޯ ބޯލް ބޮނޑިވެލުމުން، ކެހެރިގަނޑުތެރޭގައި ކުދިކުދި އިނގިތަކުން މަސާޖުކޮށްލި އެވެ.
ހިނިތުންވެފައިވާ ފަރީހާގެ ނަޒަރު، މާމަ ދަރިފުޅުގެ މޫނާއި ދުރަށް ނުލަ އެވެ. ކޮންމެ އިހްސާސެއް، ކޮންމެ އިޝާރާތެއް ފަރީހާ ދިޔައީ ދިރާސާކުރަމުންނެވެ.
"ހޫމްމްމްމްމމ.. ވަރަށް ރަގަޅު ބެސްޓްފްރެންޑް ސްޕާސްޓާރެއް..؟ ހަމަ އަސްލުވެސް ވަރަށް ރަގަޅުތަ..؟" ފަރީހާ މަސައްކަތްކުރީ، މާމައާއި މާމަ ދަރިފުޅުގެ ވަގުތުތަށް އެންމެ ހެޔޮގޮތުގައި ހޭދަކުރެވޭތޯ އެވެ.
ކުރިމަތިވި ދެ ސުވާލާއެކު، ކިސްވާގެ މޫނު އުޖާލާން އިތުރުވުމަށް ސިކުންތެއްވެސް ނުނެގި އެވެ.
"ލައްބާ..! މާމާ، ހަމަ ފިލްމްތަކުގައި ފެންނަ ކަހަލަ، ވަރަށް ވަރަށް ހޭންޑްސަމް... ކިސްވާ ކޮންމެ ވާހަކައެއް ދެއްކިއަސް، ކޮންމެ ކަމެއް ކުރިއަސް ރުޅިއެއް ނާދޭ.. ސްޕާސްޓާރއާއި ދިމާއަށް ކިސްވާ، ޕާޕާއޭ ބުނި ވަގުތު ހަމަ ޝޮކުޖެހިފަ ހުރީ..!" ލޮލާއި އަތާއި އަނގަޔަށް ކިސްވާ ހަދަމުންދިޔަ ގޮތްތަކަށް ފަރީހާގެ ސަމާލުކަން ހުއްޓިފައިވޭ އެވެ.
"ދުވަހަކުވެސް ދަރިފުޅު އެއްވެސް މީހަކަށް އެ ނަން ބޭނުމެއް ނުކުރޭ.. ތި ސްޕާސްޓާރއަކީ ދަރިފުޅުގެ ޕާޕާ ކަމަށް ނިންމީ ކީއްވެ؟" ވިސްނުންތެރިކަމާއެކު ފަރީހާ ބޭނުންވި ހުރިހައި ސުވާލެއް ކިސްވާއަށް އަމާޒުކުރީ ކެތްތެރިކަމާއި ލޯތްބާއެކު އެވެ.
"ކިސްވާ ބޭނުންވީ، ހުރިހާ ފޭންސްގެ ކިބައިން ސްޕާސްޓަރ ސަލާމަތްކުރަން.." ޖެހިލުމެއް ނެތި ކިސްވާ ޖަވާބު ދިނެވެ.
"އޯކޭ.. ވެރީ ގުޑް ގަރލް... މީގެ ފަހުންވެސް ސްޕާސްޓަރއާއި ދިމާވެއްޖިއްޔާ މާމާ ގާތުގައި ބުނަންވާނެ އިނގޭ.. މިވާހަކައަކީ ސިއްރެއް .. މަންމަ ނޫނީ ބޮޑުބެ ކައިރީގައި މި ވާހަކަ ނުދައްކާތި އިނގޭ މާމަގެ ދަރިފުޅާ.." ނުހަނު ލޯބިން، ކޮލުގައި ފިރުމާލަމުން ފަރީހާ ވިސްނައިދިނީ ވަރަށް މަޑުމަޑުންނެވެ.
(ނުނިމޭ)