މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 09:00 އިން މެންދުރު 14:00 އަށް ނެރުނު މި އެލާޓްގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި ވަގުތުތަކުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.