މެޓް ރިކްޓަ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ އާޗޭ ޕްރޮވިންސާ ކައިރި ހިސާބަކަށެވެ. ބިމުގެ އަޑިއަށް 10 ކިލޯ މީޓަރު ފުންމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. މިއީ އެ ގައުމުގައި ބިންހެލުންތައް އާންމުކޮށް އަންނަ ސަރަހައްދެއްގައި އައި ބިންހެލުމެއް ކަމުގައި ވިޔަސް، މިކަން ހިނގާފައިމިވަނީ މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކެއް އެ ގައުމަށް ވަމުންދާ ދަނޑިވަޅެއްގައެވެ.
މި ބިންހެލުން އައިސްފައި މިވަނީ، "ސެންޔާ" ނަމަކަށް ކިޔާ ތޫފާނުގެ އަސަރުކޮށް، މުޅި ސަރަހައްދަށް ވިއްސާރަވަމުންދާ ވަގުތެއްގައެވެ. މިގޮތުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އުތުރު ސުމަޓްރާ ސަރަހައްދުން މިހާރުވެސް 28 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވާރޭ ނުހުއްޓި ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވެ، ފެންބޮޑުވެފައިވާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ، މަގުތައް ހަލާކުވުމުގެ ސަބަބުން، ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ. ބިންހެލުމުގެ ސަބަބުން މިހާތަނަށް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވިނަމަވެސް، ހާލަތު އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެތައް ފެނު އަޑިއަށް ގޮސްފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ބައެއް ހިސާބުތަކުގައި ފެންގަނޑު ހުރީ ކިސަޑާއި ގަސްގަހުގެ ބައިތަކާ އެކުގައެވެ. މޫސުމީ މި ކާރިސާތަކުގެ ސަބަބުން ދެހާހެއްހާ ގެއަށް ގެއްލުން ވެފައިވާއިރު، އެ ސަރަހައްދުގެ 2800 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. އޮކްޓޯބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް އިންޑޮނޭޝިޔާއަށް އާންމުކޮށް ވެސް ބޯކޮށް ވާރޭ ވެހެއެވެ. ނަމަވެސް މިފަހަރުގެ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް، ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ އެކަހެރިވެފައިވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ.