ޝުޖާއު މިހެން ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
މެންބަރު ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ކޯޓުތައް ހިނގަމުންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިއެވެ. އަދި ފަނޑިޔާރުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ކޯޓު ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޯޓުތަކުގައި ފުނިޖެހިފައި ހުރި ގިނަ މައްސަލަތައް މިހާރު ހަލުވިކަމާއެކު ނިންމަމުންދާކަމަށާއި، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޖޭއެސްސީ މެދުވެރިކޮށް މީގެ ކުރިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯތައް އާކައިވްގައި ހުންނާނެކަން ހަނދާންކޮށްދެއްވައި، މިހާރު ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް ކްރެޑިޓް ދިނުމަށް އޭނާ ގޮވާލެއްވިއެވެ. މެންބަރު ޝުޖާއު ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ހުށަހަޅާފައިވާ ގަރާރެއްކަމަށް ދެކެވަޑައިގަންނަވާތީ، އެ ގަރާރަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.