ބ. ތުޅަދޫގައި 100 ހައުސިން ޔުނިޓް އެޅީ މިދިޔަ ސަރުކާރުންނެވެ. އެހެންނަމަވެސް މި ހައުސިން ޔުނިޓްތައް މިހާތަނަށްވެސް ހަވާލުކޮށްފައެއް ނުވެއެވެ.
ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓަށް ފޯމް ލީ މީހުނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެ ރަށު ކައުންސިލުން އާއްމުކުރިއެވެ. އެހެންމަވެސް އެ ލިސްޓަކީ މިނިސްޓްރީން ނެރުނު އުސޫލަށް ބަދަލު ގެނެސް އެކުލަވާލި ލިސްޓެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ތުޅާދޫ ކައުންސިލް ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ވަގުތީ ލިސްޓެއް އެކުލަވާލާފައިވަނީ އެރަށުގައި އެޅި 100 ހައުސިން ޔުނިޓް ދޫކުރުމަށް މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި އުސޫލާއި ހިލާފަށްކަމަށެވެ.
އެހެންކަމުން މި މައްސަލަ މިނިސްޓްރީގެ ފަރާތުން ކޯޓަށް ހުށައެޅުމުން ތުލާދޫ ކައުންސިލުން ނެރުނު ވަގުތީ ލިސްޓޫ ބާތިލުކޮށް ކުރީގެ އުސޫލަށް ދިޔުމަށް ކޯޓުން ހުކުމްކޮށްފައިވާކަމަށެވެ. އަދި އެ ހުކުމް ތުޅާދޫ ކައުންސިލުން އިސްތިއުނާފު ކޮށްފައި ނުވާތީ އެ ހުކުމް ނިހާއީ ހުކުމަކަށްވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ހުކުމާއި އެއްގޮތަށް ހައުސިން ޔުނިޓްތައް ދޭން ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ތުޅާދޫ ކައުންސިލަށް އެންގުމުންވެސް މިހާތަނަށް ވެސް އެ ކަން ކޮށްފައި ނުވާތީ އެ މަސައްކަތް ކައުންސިލްގެ ޒިންމާއިން ނަގާ މިނިސްޓްރީން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.
ބ.ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމުގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ މިނިސްޓްރީންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ތުޅާދޫ ހައުސިން ޔުނިޓްތައް ދެން ދޫކުރާނީ މިނިސްޓްރީއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ފޯމުތައް ފޯމުތައް އިވެލުއޭޓްކުރުމާއި، ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެންމެހައި މަސައްކަތްތައްވެސް ކުރިއަށްގެންދާނީ ހައުސިން މިނިސްޓްރީކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.