ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ވަގުތީ ކޮމިޓީގެ މަރުހަލާގައި މިކަމަށް ހުށަހެޅީ މިހާރު ދިރާސާ ކުރަމުން އަންނަ ބިލުގެ ތެރެއިންނެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލަކީ އަސްލު ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި، ކައުންސިލަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
މި އިސްލާހުގައި ވާގޮތުން ޕާޓީ ޓިކެޓުގައި ހޮވޭ މެންބަރަކު އިންތިހާބުވީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް ކައުންސިލަށް ހޮވުމަށް ފަހު، އެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ސޮއިކޮށް ދަފްތަރު ވެއްޖެ ނަމަވެސް މެންބަރުކަން ގެއްލޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ލާމަރުކަޒީ ގާނޫނުގެ 116 ވަނަ މާއްދާގައި ކައުންސިލް މެންބަރުން މަގާމުން ވަކިވާނެ ހަ ގޮތެއް މިހާރުވެސް ކަނޑައަޅާފައި އޮވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް އިސްތިއުފާ ދިނުމާއި ޖަލްސާތަކަށް ހާޒިރު ނުވުން ފަދަ ކަންކަން ހިމެނެއެވެ. ކޮމިޓީން ނިންމާފައި ވަނީ ޕާޓީ ބަދަލުކުރުމާ ގުޅޭ މި އާ ތިން ނުކުތާ އެ މާއްދާއަށް އިތުރު ކުރުމަށެވެ.