ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، މިއީ މާލޭގެ އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީހާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްގީކުރާ ތަނެއް ކަމަށެވެ. މި މަޝްރޫއުގެ ކުރެހުންތަކާއި ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އަންނަ ޖެނުއަރީ މަހުގެ ކުރިން އެތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގައި ހަދާ ފުރަތަމަ ތަނެވެ.
ތަރިކައިން ދައުލަތަށް އާމްދަނީއެއް ހޯދުމަކީ ވެސް މި މަޝްރޫއުގެ މުހިންމު މަގުސަދެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި މިއުޒިއަމް ބަލާލުމަށާއި، ދުވާލާއި ރޭގަނޑު އެތަނުން ލިބެން ހުންނަ ތަޖުރިބާތައް ކުރުމަށް ޒިޔާރަތްކުރާ ދިވެހިންނާއި ޓޫރިސްޓުންގެ އަތުން ވަކި ފީއެއް ނަގާނެއެވެ. މިކަމުގެ ސަބަބުން ތަރިކަ ދިރުވައި އާލާކުރުމުގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ހުރި ތާރީހީ ތަންތަން ހިމާޔަތްކޮށް ތަރައްގީ ކުރުމަށް ވެސް މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ގާޒީ ރަދުން" ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުން، ހއ. އުތީމާއި، ބާރަށް އަދި ތަކަންދޫގައި ހުރި އާސާރީ ތަންތަން ދިރުވައި، އެ ތަންތަނަކީ މުހިންމު ވާހަކަތަކެއް ބުނެދޭ ތަންތަނުގެ ގޮތުގައި ހެދުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.