ads
ހީނާ
އެންސްޕާ ޒަމާނީވުން: ލިޔެކިޔުން މަދުވެ، ހިދުމަތް އަވަސްވާނެ
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން އެ އެޖެންސީގެ ހިދުމަތްތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ޒަމާނުއްސުރެ މެނުއަލްކޮށް އަދި ގިނަ އަދަދެއްގެ ކަރުދާސް ބޭނުންކޮށްގެން ދެމުން އައި ހިދުމަތްތައް ޒަމާނީ ކުރުމުން، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވެ، އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މި ބަދަލާއެކު މިހާރު ވެސް އެ އެޖެންސީގެ ފަސް ހިދުމަތެއް ވަނީ "ވަންގަވް" ޕްލެޓްފޯމަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން އެންސްޕާގެ ހިދުމަތްތައް ހޯދުމަށް ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިފައިގެން އޮފީހަށް ދާންޖެހޭއިރު، ހުށަހަޅާ ފޯމުގައި މައްސަލައެއް އުޅޭނަމަ ނުވަތަ ލިޔުމެއް މަދުވާނަމަ އެކަން ހައްލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. ނަމަވެސް އާ ޑިޖިޓަލް ނިޒާމުގެ ސަބަބުން، ހިދުމަތަށް އެދި ހުށަހަޅާއިރު ބޭނުންވާ ހުރިހާ ލިޔުމެއް ހަމަނުވާނަމަ ސިސްޓަމުން އެކަން އަންގައިދޭނެއެވެ. މީގެ އިތުރުން "އީފާސް" މެދުވެރިކޮށް ލޮގިން ވުމުން، ހުށަހަޅާފައިވާ ފޯމު އޮތް ހިސާބެއް ނުވަތަ ސްޓޭޓަސް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ހުށަހެޅި މައްސަލަވީ ގޮތެއް ނޭނގިގެން އެންސްޕާއަށް ތަކުރާރުކޮށް ގުޅަންޖެހޭ ގުޅުމަށް ލިބޭނެ ނިމުމެކެވެ.

އަލަށް ތައާރަފްކުރެވުނު ޑިޖިޓަލް ހިދުމަތުގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ އިތުރުން ތެރަޕީ ހޯދުމަށް ދޭ އެހީ ހިމެނެއެވެ. އަދި ފަގީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ހޯދުމަށް ދޭ އެހީ އާއި ބެލެނިވެރިންނަށް ދޭ އެހީ ވެސް މިހާރު ވަންގަވް މެދުވެރިކޮށް ލިބޭނެއެވެ. އެންސްޕާއިން މައުލޫމާތު ދޭ ގޮތުގައި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެ އެޖެންސީގެ ހުރިހާ ހިދުމަތެއް ފުރިހަމައަށް ޑިޖިޓަލް ކުރުމެވެ. މިކަމުގެ ސަބަބުން ލިޔެކިޔުންތައް ގެންގުޅުން މަދުވެ، މައުލޫމާތުތައް ބެލެހެއްޓުމާއި އެނަލައިޒް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެންސްޕާއިން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް