މޫސުން ގޯސްވުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ އެކި ހާދިސާތަކުގައި 14 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ލަފާކޮށް ރެޑް އެލާޓްވެސް އެ ގައުމުގެ މުސުމާބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފަ އެވެ.
ލަންކާއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ނަމަވެސް އެ ގައުމުގެ އިރުމަތީ އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން މޫސުން އިތުރަށް ވަނީ ގޯސްވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ލަންކާގައި ވަނީ ސްކޫލްތަކުގެ ފަހު އިމްތިހާނު ދެ ދުވަހަށް ފަސްކޮށްފި އެވެ.
ސްރީ ލަންކާއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށް، މި ވިއްސާރައިގެ ސަބަބުން ނުރައްކަލެއް ދިމާވެއްޖެ ނަމަ އިމަޖެންސީގައި ގުޅުމަށް 1912 ހޮޓްލައިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ލިބޭ ހޮޓްލައިނެއް ކަމަށާއި ޓޫރިސްޓު ޕޮލިހާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެހީތެރިކަން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
"ދީތުވަ" ގެ ނަން ދީފައިވާ ސައިކްލޯނިކް ސްޓޯމް ލަންކާއަށް މިރޭ އަރާނެ ކަމަށް ބެލެވޭއިރު ގަދަ ވަޔާ އެކު އާދަޔާ ހިލާފަށް ގިނައިން ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ. މި ވަގުތު ތޫފާނު އޮތީ ލަންކާގެ ބަޓިކަލޯއާއާ 20 ކިލޯމީޓަރު ދުރުގަ އެވެ.
ތޫފާނު ދަތުކުރަނީ ލަންކާއާ ދިމާލަށް ކަމަށް ވިޔަސް އެއީ ރާއްޖެއާވީ ފަޅި ނޫން އަނެއް ފަޅި އެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެ އެވެ.