ޕޮލިޓެކްނިކްގައި ގާއިމްކުރި ސްކޫލު ހުޅުއްވައި ދެއްވީ، އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތައުލީމުގެ ޕާތްވޭއެއް އިތުރުވެ، އަމަލީ އަދި ސިނާޢީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.
މި ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް، ޔުނިވާސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޯސް ނިންމުމަށްފަހު ވަޒީފާއަކަށް ދިއުމަށް އިހުތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފަ އެވެ.
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. މީގެ އިތުރުން ހައި ސްކޫލްގެ މޮޑެލްއަށް ކިޔަވައިދޭ މިސްކޫލްގައި އެޗް.އެސް.ސީގެ ދެ މާއްދާ ކަމުގައިވާ އިސްލާމް އަދި ދިވެހި ކިޔަވައިދޭނެ އެވެ.
މާލޭގައި ހުޅުވި ވޮކޭޝަނަލް ސްކޫލަށް ފަހު، ރަށްރަށަށް އެ ތައުލީމް ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.