ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރުމަތިވެ މަރުވި މީހުންގެ އަދަދު ވަނީ 40 މައްޗަށް އަރާފައެވެ. އަދި ގެއްލުނު މީހުންގެ އަދަދު ވަނީ 20 އިން މަތީގައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ލަންކާގައި އުފެދުނު ތޫފާނު އެ ގައުމުގެ އުތުރު އައްސޭރި ފަށަށް ދަތުރުކުރަމުން އަންނަކަމަށެވެ. އެގޮތުން ތޫފާނު ދަތުރުކުރަނީ އިންޑިއާގެ ޓެމިލްނާޑޫ އާއި ދިމާލަށްކަމަށާއި އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށެވެ.
އެހެންނަމަވެސް ކުރިޔަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ދެކުނާއި މެދު ރާއްޖެ ތެރެއަށް 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓްް އޮފީހުން ލަފާކުރެއެވެ.
މިހާރު ދެކުނު އިރުމަތީ އޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި ލަންކާގެ އިތުރުން އިންޑޮނޭޝިޔާ ، މެލޭޝިޔާގައި ތައިލޭންޑްގައިވެސް ވަނީ ފެންބޮޑުވެ ބައެއް މީހުން މަރުވެ ބޮޑެތި ގެެއްލުންތައް ލިބިފައެވެ. އެގޮތުން ތައިލެންޑަށް މިއިން ދުވަހަކު ނުވެހޭ ވަރަށް ވާރޭވެހި މިހާތަނަށް 55 މީހުން ވަނީ މަރުވެފައެވެ. އަދި އިންޑޮނޭޝިޔާއަށް ނަގޫރޯޅިއެއް އަރާ 60 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މެލޭޝިޔާއަށްވެސް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް އަރާ އެކަކު މަރުވެ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ.