އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެއް ރައްޔިތުން މަޖލީހުގެ ޖަލްސާގައި ސަރުކާރުން ހިންގާ ޕީއެންސީގެ ޕާލިމެންޓަރު ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ބައެއް ރައީސުބް ވެރިކަން ކުރެެއްވިއިރު ދައުލަތުގެ ހަޒާނާއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަންގަވައިގެން ބޮޑެތި ގެތައް އަޅާފައިވާކަމަށެވެ. އެހެންކަމުން މި އިނާޔަތް ނުދިން ކަމުގައި ވިޔަސް އެގޭގައި އޮފީސް ހިންގުމަކީ ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ރައްޔިތުންނަަށް ބެލެވޭކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި މި ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ހޯދި އެއްވެސް ބޭސް ފަރުވާ އާސަންދައަށް ބިލު ފޮނުވާފައި ނުވާނެކަމަށެވެ. އަދި އޮފީސް ހިންގުމަށްވެސް އެންމެ ލޯލާރިއެއްވެސް ދައުލަތުން ނުނަގާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ގެއްލުންވާނީ ރައީސް މުއިއްޒަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ބޭސްފަރުވާއަށާއި އޮފީސް ހިގަން އިނާޔަތް ނުނެގެންވި ނަމަވެސް ރައީސް ޔާމީން އަންނަނީ ބައެއް އިނާޔަތްތައް ނަންގަވަމުންނެވެ. އެގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ވެރިކަން ބަދަލުވި ފަހުން 2019 އިން ފެށިގެން ދިިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000 ރުފިޔާ ރައީސް ޔާމީން އަންނަވަނީ ނަންގަވަމުންނެވެ.