ރައީސް މި ގޮތަށް އެދިވަޑައިގެންފައި މިވަނީ ދެން އެމަނިކުފާނު ބައްދަލުކުރަން ނިންމަވާފައި މާފަންނު ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ފޮނުވާ ދިނުމަށް މާފަންނުގެ ދާއިރާއަކަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު އެދިފައިވަނިކޮށެވެ.
ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެމަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ހަވާލުކުރަން އޮތް ނަމަ ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެ ނޫންގޮތަކަށް މެމްބަރުން އަމަލުނުކުރެއްވުމަށްވެސް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެކެވެ.
މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ގެންދަވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކުރައްވަމުންނެވެ.