އޭ 320 މަރުކާގެ 6،000 މަތިންދާބޯޓުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރެއިން ގިނަ މަތިންދާބޯޓުތައް އަލުން އުދުހޭނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސިވިލާތުގެ އޭވިއޭޝަން ރެގިއުލޭޓަރުން ބުނީ އެއާޕޯޓުތަކަށް ކުރާ އަސަރު ކުޑަ ނަމަވެސް، ފްލައިޓްތައް ކެންސަލް ކުރާނެ ކަމަށެވެ.
އެއާބަސް އިން ބުނީ މި މައްސަލަ އެނގުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ އާއި މެކްސިކޯއާ ދެމެދު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއްގެ އުސްމިން ކުއްލިއަކަށް ވެއްޓުނު ހާދިސާގެ ތަހުގީގަށް ފަހު ކަމަށެވެ.
ޖެޓްބްލޫ އެއާވޭސްގެ ފްލައިޓެއް ފްލޮރިޑާއަށް ކުއްލި ގޮތަކަށް ޖައްސައި 15 މީހަކަށް އަނިޔާވި އެވެ.
އެ ކުންފުނިން އެންމެ ގިނައިން ވިކޭ މަތިންދާބޯޓު ކަމަށްވާ އޭ 320 ގެ އިތުރުން އޭ 318، އޭ 319 އަދި އޭ 321 މޮޑެލްތަކަށް ވެސް މި މައްސަލަ ދިމާވެ އެވެ.
ގާތްގަނޑަކަށް 5،100 އެއާބަސް މަތިންދާބޯޓުގައި މި މައްސަލަ ހައްލު ކުރެވޭނީ ވަރަށް އާދައިގެ ސޮފްޓްވެއާ އަޕްޑޭޓެއްގެ އެހީގަ އެވެ.
ނަމަވެސް ބާކީ ހުރި 900 އެއާކްރާފްޓްގެ ކޮމްޕިއުޓަރުތައް ފިޒިކަލްކޮށް ބަދަލުކުރަން ޖެހޭނެ ކަމަށާއި މި މަސައްކަތް ނިމެންދެން ފަސިންޖަރުން އުފުލޭނެ ގޮތެއް ނުހުންނާނެ އެވެ.
މިކަމަށް ނަގާ މުއްދަތު ބިނާވެފައި އޮންނަނީ ރިޕްލޭސްމަންޓް ކޮމްޕިއުޓަރުތައް ލިބުމުގެ މައްޗަށެވެ.
އެއާބަސް އިން ބުނީ މިކަމުގެ ސަބަބުން ފަސިންޖަރުންނާއި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުކޮށް މައާފަށް އެދޭ ކަމަށެވެ
އޭވިއޭޝަން އެނަލިސްޓް ސެލީ ގެތިން ބީބީސީ ނިއުސް އަށް ވިދާޅުވީ މިއީ ވަރަށް އާދައިގެ ހާލަތެއް ކަމަށާއި ފަސިންޖަރުންނަށް ދަތި އުނދަގޫ ވާނީ އެއާލައިންތަކުން ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް ނަގާ ތަފާތު އެޕްރޯޗްތަކުގެ މައްޗަށް ކަމަށެވެ.