ރައީސް ޑރ. މުއިއްޒު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ނާޒުކު އެއްބަސްވުމާ ހިލާފުވެ، އިސްރާއީލުން އައްޒާއަށް ހަމަލާތައް ދެމުންދާއިރު، ފަލަސްތީނުގައި އިޒްރާއިލްގެ ރައްޔިތުން އިތުރަށް އާބާދު އިތުރަށް ކުރަން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އައުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައި އެވެ.
އަދި އާންމު ދިރިއުޅުމަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ ހަމަޖެހުމާއި އިގުތިސާދީ ގޮތުން ކުރިއެރުން ލިބުމުގެ ފުރުސަތު ގެއްލިގެންދޭ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް މެސެޖުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، އެދުންތައް ފުރިހަމައަށް ހަގީގަތަކަށް ހެދުމަށްޓަކައި، އެއްބައިވަންތަކަމާއި އެކު ހުރިހާ ގައުމުތަކުންވެސް މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައި އެވެ.
ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ކަމަށާއި އަބަދުވެސް ފަލަސްތީނަށް އެހީތެރިކަމެއް ބޭނުންވާ ހިނދު އަތް ދިއްކޮލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.