އުމުރުން 62 އަހަރުގެ އަލްބަނީޒްއާއި ހޭޑަންގެ ކައިވެނީގެ އުފާވެރި ހަފުލާ ބާއްވާފައިވަނީ ހޮނިހިރު ދުވަހު ކެންބަރާގައި ހުންނަ ޕްރައިމް މިނިސްޓަރުގެ ރަސްމީ ގެކޮޅު ކަމަށްވާ "ދަ ލޮޖް" ގައެވެ. ގާލްފްރެންޑް ޖޯޑީ ހޭޑަން ގެ އުމުރަކީ 46 އަހަރެވެ. މިއީ ވަރަށް ޕްރައިވެޓް ގޮތެއްގައި، އާއިލާ މެންބަރުންނާއި އެންމެ ގާތް ރަހުމަތްތެރިންގެ ހާޒިރުގައި ކުރިއަށް ގެންދިޔަ ހަފުލާއެކެވެ.
ކައިވެންޏަށް ފަހު ޕްރައިމް މިނިސްޓަރު އަލްބަނީޒް ވަނީ ސޯޝަލް މީޑިއާގައި "މެރީޑް" (ކައިވެނި ކުރެވިއްޖެ) މި ލަފުޒާއެކު، އަނބިކަނބަލުންނާ އެކު ނަންގަވާފައިވާ އުފާވެރި ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.
ފައިނޭންޝަލް ސާވިސަސް ދާއިރާގައި މަސައްކަތް ކުރައްވާ ހޭޑަންއާއި އަލްބަނީޒްއާ ފުރަތަމަ ބައްދަލުވީ މީގެ ފަސް އަހަރަށްވުރެ ކުރިން މެލްބަންގައި ބޭއްވި ވިޔަފާރީގެ ކެއުމެއްގެތެރެއިންނެވެ.
މި ކައިވެންޏާއެކު އަލްބަނީޒް ވެވަޑައިގެންފައި ވަނީ ވެރިކަމުގެ ދައުރުގެ ތެރޭގައި ކައިވެންޏެއް ކުރެއްވި އޮސްޓްރޭލިއާގެ ފުރަތަމަ ޕްރައިމް މިނިސްޓަރަށެވެ. އަލްބަނީޒް އާއި ހޭޑަން ވަނީ އަންނަ ހޯމަ ދުވަހު ފަސް ދުވަހުގެ ހަނީމޫނަކަށް އޮސްޓްރޭލިއާގެ ބައެއް ސަރަަހައްދުތަކަށް ވަޑައިގަތުމަށް ހަމަޖައްސަވާފައެވެ.