ފަހަކަށް އައިސް ރިޕޯޓުކުރެވޭ ކޭސްތައް ގިނަވުމާ ގުޅިގެން އާންމު ރައްޔިތުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، އަތް ސާފުކުރުމަށް ސެނިޓައިޒާ ބޭނުންކުރުމަށް ބާރުއަޅާފައެވެ.
މީގެ އިތުރުން، އާންމުކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ. ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން މިފަދަ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރެވޭ އަދަދުތައް އިތުރުވެފައިވާކަން އެޗްޕީއޭއިން ބުނި ނަމަވެސް، މިކަމާ ގުޅޭ ތަފާސްހިސާބެއް އަދި ހާމައެއް ނުކުރެއެވެ.