ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، ރަށްރަށުގެ ޔޫޓިލިޓީ ހިދުމަތްތައް ރިއަލް ޓައިމްގައި މޮނިޓަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ހިދުމަތް މެދުކެނޑުމުގެ ކުރިން މައްސަލަތައް ހައްލުކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
ނަޖާހު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި ޔޫޓިލިޓީގެ ދާއިރާއަށް ހާއްސަ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލާފައި ނެތުމަކީ މިފަދަ މައްސަލަތައް އާންމުވި އެއް ސަބަބެވެ. އެހެންކަމުން، މިހާރު މި ގާއިމުކުރާ ނިޒާމުގެ ސަބަބުން ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ފާރަވެރިވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިއަލް ޓައިމް މޮނިޓަރިން ނިޒާމުގެ އިތުރުން، ފެނަކައިން ދަނީ ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ތެޔޮ ބޭނުންކުރާ ގޮތް ގާތުން ބަލައި، އިސްރާފު ކުޑަކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ފެނަކައިން މިހާރު ވެސް އަތޮޅުތެރޭގެ 157 ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު، ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި 90 އަށް ވުރެ ގިނަ ޖަނަރޭޓަރު އެކި ރަށްރަށަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.