މި ހާދިސާގައި ގެއްލިފައިވާ މީހުންގެ އަދަދު 200 އަށް އަރާތީ، މަރުވެ އަދި ގެއްލިފައިވާ މީހުންގެ ޖުމްލަ އަދަދު 300 އިން މައްޗަށް އަރާނެކަމަށް އޮފިޝަލުން ލަފާކުރެއެވެ. މިއީ ވޭތުވެދިޔަ 80 އަހަރު ތެރޭގައި އެ ސިޓީގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ހޮންކޮންގުގެ ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނި ކަމަށްވާ ޕްރެސްޓީޖް ކޮންސްޓްރަކްޝަންގެ ވެރިންނާއި ކޮންސަލްޓެންޓުން ހިމެނެއެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި މަރާމާތުގެ މަސައްކަތުގައި ވަނީ އަލިފާން ހިފާ ޒާތުގެ ރައްކާތެރިނޫން ތަކެތި ބޭނުންކޮށްފައެވެ. އަދި 4600 އެއްހާ މީހުން ދިރިއުޅޭ މި އިމާރާތުގެ ފަޔާ އެލާމްތައް ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ހޮންކޮންގުގެ ލީޑަރު ޖޯން ލީ އާއި ސަރުކާރުގެ އިސްވެރިން ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު ހިމޭންކަމުގެ ވަގުތުކޮޅެއް ހޭދަކޮށް، ސަރުކާރުގެ އިމާރާތްތަކުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައެވެ. އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އަދިވެސް އިމާރާތުގެ ތެރެއިން މީހުންގެ ހަށިގަނޑުތައް ފެނިދާނެ ކަމަށް ބެލެވޭތީ ފުލުހުން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މަރުވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 39 މީހުން ކަމަށްވާއިރު، މި ހާދިސާގައި އިންޑޮނޭޝިއާ އަދި ފިލިޕީންސްގެ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު މަރުވެ، ބައެއް މީހުން ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.