މުޅި އައްޑޫގެ ތާރީހު އެއް ތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ތަން ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ތަން ހުޅުވުމާއެކު އައްޑޫގެ މުއްސަނދި ތާރީހާއި ސަގާފަތް ދައްކުވައިދޭ މުހިންމު މަރުކަޒަކަށް މި ތަން ވަނީ ވެގެން ގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ބޮނޑޮގެއަކީ އެ ސިޓީގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި މިހާރު މި ގެނެވުނު ބަދަލާއެކު، އެ ތަނުން ކުރީ ޒަމާނުގައި އައްޑޫ މީހުން ދިރިއުޅުނު ގޮތާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ކަންކަން ފެންނަން ހުންނާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރެހުންތެރިންނާއި އަމިއްލަ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ވެސް މި ތަނުން ފުރުސަތުތައް ލިބިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ބޮނޑޮގެއަކީ 1943 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ލަޝްކަރުގެ މުއާސަލާތީ މަރުކަޒެއްގެ ގޮތުގައި ބިނާކުރި ތަނެކެވެ. އޭގެ ފަހުން އެކި ދުވަސްވަރު ސްކޫލް ހިންގުމަށާއި، އޮފީސް ހިންގުމަށް އަދި ސިނަމާއެއްގެ ގޮތުގައި ވެސް މި އިމާރާތް ބޭނުންކޮށްފައިވެއެވެ. ތާރީހީ ގޮތުން މުހިންމު މި ބިނާއަކީ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ. އާޓް ގެލަރީއެއްގެ ގޮތުގައި މި ތަން އަލުން ހުޅުވިއިރު، ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ.