ފުލުހުން މިއަދު ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.
މި ފަސް މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން މިއަދު އާއްމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.