"ވައި ނޮޓް..؟ މަންމަ ކައިރީގައި ނުބުނަންވީ ކީއްވެ؟" ވިސްނުމެއްގެ ތެރެއިން ކިސްވާ ސުވާލު ކުރި އެވެ.
ކިސްވާއާއި 'ފޭކް ޕާޕާ'އާއި ދެމެދު އޮތް ގުޅުމަކީ، އިހްތިޔާރެއް ނެތި، އެ ދެމެދުގައި އުފެދެމުން ދިޔަ ބާރުގަދަ ގުޅުމެކެވެ. ދެމީހުންގެ ސިއްރު އެއީ، ދެމީހުންގެ ހިތުގެ ފަރުވާ އެވެ. ފޭކް ޕާޕާއާއި ކިސްވާއާއި ދެމެދު އޮތް ގުޅުމުގެ އިތުރުން، އެއްވެސް ކަމެއް މަންމައަށް ސިއްރުކުރުމަކީ މިހައިތަނަށް ކިސްވާ ކޮށްފައިވާ ކަމެއް ނޫނެވެ.
ސުވާލުތަށް ގިނަވެފައިވާ ކުޑަކުޑަ މާމަދަރިފުޅުގެ މޫނަށް، ފުން ނަޒަރަކުން ފަރީހާ ބަލައިލި އެވެ. ލޯތްބާއެކު ކިސްވާގެ ނިންކުރީގައި އޭނާ ބޮސްދިނެވެ.
"މާ ބޮޑަށް ނުވިސްނާ ދަރިފުޅާ..! އެކަން ސިއްރުކުރާންޖެހޭ ފުރަތަމަ ސަބަބަކީ، ޝައްޔާން ޔޫސުފު ރައިޒާދު ނުވަތަ އެއްވެސް އެކްޓަރަކާއިމެދު ދަރިފުޅުގެ ބޮޑުބެއާއި މަންމަ، އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭނެ... ދެވަނަ ސަބަބަކީ، ކިސްވާގެ ލޯބި ލޯބި މި އާއިލާ ނުދަންނަ، އެއްވެސް މީހަކާއި ދަރިފުޅު ވާހަކަ ދެއްކުން، ދަރިފުޅުގެ މަންމަގެ ހުއްދައެއް ނޯންނާނެ.." މަޑުމަޑުން ފަރީހާ ކިސްވާއަށް ބުނެދެމުން ދިޔައީ އެދަރިފުޅު ވިސްނާން ވަގުތު ދެމުންނެވެ.
ފަރީހާ ދެއްކި ހުރިހައި ވާހަކައެއް ނިމުމުން، ޝައުގުވެރިކަމެއް ނެތި، އާ ފުރިލާފައި ކިސްވާގެ ސްނޯ ބޯލްގައި ބައްދާލި އެވެ. ނިދިގޮތަކަށް މާމައަށް ބަލައިލަމުން، ބާލީހުގައި ކިސްވާ ހަމަޖެހިލި އެވެ.
"އޯ-ކޭ މާމާ.. އެކަމަކު މިހާރުވެސް ހިތަށް އަރަނީ، އެންމެ އަވަހަށް ދެން ސްޕާސްޓާރ ފެންނާނީ ކޮންއިރަކުންބާއޭ.. އައި ރިއަލީ ލައިކް ހިމް..!" ލޯބި ގޮތަކަށް، ކިސްވާ ބުނެލި އެވެ.
ބައްޕައެއްގެ ލޯތްބަށް އެދަރިފުޅު އިންތިޒާރުކުރާނެވަރު ފަރީހާއަށް ވިސްނޭ އެވެ.
ބަރު ހިތަކާއެކު މާމަދަރިފުޅުގެ މަގަތުގައި ފަރީހާ އިށީނެވެ. ލޯތްބާއެކު ބޮލުގައި ފިރުމާލަމުން، ކިސްވާއަށް ހަނދާންކޮށްދިނީ، ނިދުމުގެ ކުރިން ކިޔާންޖެހޭ ދުއާތަކަށް އިސްކަން ދިނުމަށެވެ.
...................
ފަނޑު ރީންދޫކުލައިގެ ދިއްލުންތަކުން ދިއްލީގެ މެންދަމުގެ ހިތްގައިމުކަން، ޝައްޔާންގެ އިހްސާސްތަކަށް ތަސައްލީއެއްކަމުގައި ފުދުނެވެ. ޝޫޓިންގ ނިންމާލުމަށްފަހު، ގެއަށް އާދެވުނު އިރު ވަރުބަލިވެގެން ދެ ލޯ ހުޅުވެނީ ގަދަކަމުންނެވެ.
ގޭތެރެއަށް ވަނުމާއެކު، އާންމު އުސޫލުން ޝައްޔާންއާއި ބައްދަލުކުރީ ހިމޭންކަމާއި އެކަނިވެރިކަމެވެ.
ރެސްޓޯރެންޓުގައި ހިނގާދިޔަ ކަންކަމާއި ކުޑަކުޑަ ކިސްވާއާއި ދެމެދު ދެކެވުނު ހުރިހައި ވާހަކައެއް ޝައްޔާންގެ ހިނދުރީގައި ދައުރުވާން ފެށި އެވެ. ވަރުބަލިކަމާއި ލޮޑުކަން ހަނދާން ނެތުމަށް ކުޑަކުޑަ ވަގުތުކޮޅެއްވެސް ނުނެގި އެވެ. ހިނިތުން ވެވުނީ، އުފާވެރި މަންޒަރެއް ލޯ ކުރިމަތީން ސިފަވުމުން ނެވެ.
ޖެހިލުމެއް ނެތި ޔަގީންކަމާއެކު 'ޕާޕާ'އޭ ގޮވައިލި ގޮވައިލުން ޝައްޔާންގެ ހުރިހައި ރިހުމެއްގެ ފަރުވާއަކަށް ފުދުނެވެ. ކިސްވާގެ ވާހަކަދެއްކުމާއި، އެ އުމުރުގެ އެހެން ކުދިންނާއި އޭނާގެ ހަރަކާތްތަށް ޝައްޔާން އަޅައިކިޔާލި އެވެ.
ދަންނަ، ފަރިތަ ގޮތެއް އެއިން ކޮންމެ ބަލާލުމެއްގައި ވޭ އެވެ. ކިސްވާގެ ހަރަކާތްތަކުން ފެނުނު ކޮންމެ އިހްސާސެއް ޝައްޔާންގެ ހިތާއި ގުޅިފައިވާކަމުގެ އިހްސާސްކުރެވުނެވެ.
ފެންފޮދެއް ބޮއެލުމަށްފަހު، ތަށި ސިންކު ތެރެއަށް ލާފައި ޝައްޔާންގެ ދެ ލޯ މަރައިލި އެވެ. މޭގައި އަތް އަޅާފައި ދެތިން ނޭވާއެއް ލި އެވެ.
'ކިސްވާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟ ޝައްޔާންގެ ހިތާއި ކިސްވާއާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ޔާ ﷲ، ރެއާއި ދުވާލުގެ ބުރަ މަސައްކަތަށްފަހު، ކިސްވާގެ ހަނދާންތަކުން މި އަޅާގެ ރިހުމަށް ތަސައްލީއެއް މިންވަރު ކުރައްވާންދޭވެ.. އާމީން..!' ޝައްޔާންގެ އަމިއްލަ ކަންފަތަށްވެސް ނީވޭނެހައި ސިއްރުން އޭނާ ދުއާ ކޮށްލި އެވެ.
ތަސްކީން ގެނެސް ބާއްވައި އޮތް ސްކްރިޕްޓް ޝައްޔާންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އޭގައި އަތް ލުމުގެ ޝައުގުވެރިކަމެއް ނެތެވެ. ލިބެމުންދިޔަ ސްކްރިޕްޓްތަށް ދިރާސާކޮށް ކިޔާލުމަށް، ޝައުގުވެރިކަމެއް ނެތުނުތާ ދެހަފްތާ ވެއްޖެ އެވެ. ނަމަވެސް އޭނާގެ މަސައްކަތް މުހިއްމެވެ. ދިރިހުރުމުގެ ހަމައެކަނި އުއްމީދަކީ މަސައްކަތާއި އެކަމުގައި ހޭދަކުރާ ވަގުތުކަމުގައި ޝައްޔާން ކަނޑައެޅިތާ އަހަރުތަކެއް މާޒީވެއްޖެ އެވެ.
ކިސްވާގެ ހިޔާލުގައި ހުރެގެން، ފެންވަރާ ނިންމާލި އެވެ. ތެތް އިސްތަށިގަނޑު ހިއްކާލުމަށް، ތުވާލި ހިފައިގެން ޝައްޔާން ހުއްޓުނީ މޫނުބަލާ ލޯގަނޑު ކުރިމަތީގަ އެވެ.
އެއް އަރިޔަކަށް ހުރެފައި ލޯގަނޑަށް ބަލައިލެވުނު ވަގުތު ޝައްޔާންގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ. އޭނާއަށް ފެނުނީ ކިސްވާގެ ލޮލެވެ.
ތުވާލިން މޫނު ފޮހެލާފައި، ދެ ލޯ ބޮޑުކޮށްލާފައި ލޯގަނޑަށް ބަލައިލި އެވެ. ފެންނާން އެ ހުރީ ކިސްވާގެ ލޮލުގެ 'ކާބަން ކޮޕީ'އެކެވެ. ކިސްވާގެ ލޮލާއި ކަޅި، އަދި ނިއްކުރީގައި ކުޑަވެސް ތަފާތެއް ނެތެވެ. އިހްތިޔާރަކާއި ނުލައި، ލޯގަނޑުގައި ޝައްޔާން ފިރުމާލި އެވެ. އަތް ޖެހެނީ ޝައްޔާންގެ ލޮލާއި ދިމާގަ އެވެ. ފެންނަނީ ކިސްވާގެ ލޮލެވެ. އިސްޖަހައިލެވުނީ މުޅި ގައިން، ހިމަ ލޯލިތަށް ކޮޅަށް ޖެހުމުންނެވެ. ކުއްލިޔަކަށް ލޯގަނޑުން އަތް ދަމައިގަތެވެ.
އިންސާނެއްގެ ގަޔަށް، ބާރުގަދަ ވޯލްޓޭޖެއްގެ ކަރަންޓު އަޔަސް، އެވަރުގެ ޝޮކެއް ނުލިބޭނެ އެވެ. ލޯގަނޑުން އެއް ފަހަރު، ހަމަލޮލުން އެއްފަހަރު ޝައްޔާންގެ އަތަށް ބަލައިލި އެވެ. ކޮނޑަށް ތުވާލި އެއްލާފައި އޭނާގެ މޫނާއި ހަމައަށް ދެ އަތް އުފުލާލި އެވެ. ދެ އަތުގެ އިނގިލިތަށް ތުރުތުރު އަޅަންފެށި އެވެ.
ކިސްވާގެ ކުޑަކުޑަ އަތާއި ޝައްޔާންގެ އަތުގައި ހުރީ ހަމައެކަނި، ސައިޒުގެ ތަފާތެވެ. ކޮންމެ އިނގިއްޔެއްގެ ބައްޓަން އެއްގޮތެވެ. ކޮންމެ ނިޔަފައްޗެއްގެ ސައިޒާއި ބައްޓަން އެއްގޮތެވެ.
މިވަރުގެ އިއްތިފާގެއްގެ ވާހަކަ މިހައިތަނަށް، އޭނާއަށް ލިބިފައިވާ އެތަށް ހާސް ސްކްރިޕްޓުގައިވެސް ލިޔުންތެރިއަކު ގެނެސްފައެއް ނުވެ އެވެ. ކުރެވެމުންދިޔަ ތަފާތު އިހްސާސްތަކުން އޭނާގެ ނިއްކުރިން ދާ ތިކިތަށް ހިލުވާލައިފި އެވެ.
ކިސްވާ އެއް ލޯ މަރައިލާފައި ހިނިތުންވާ ގޮތުން، ސިފަވަނީ އަމާރާ އެވެ. އެއް ބުމަ އަރުވާލާފައި ހިނިތުންވުމުން އަމާރާގެ ކޮލުން ފެންނަ އަޑިކޮޅު ނުވަތަ ޑިމްޕަލްއަކީ، ފޫހިކަމެއް ނެތި ޝައްޔާން އެންމެ ދެކެން ބޭނުންވާ މަންޒަރެވެ.
މިވަރުގެ އިއްތިފާގެއް ކުއްލިޔަކަށް ޝައްޔާންއާއި ކުރިމަތި މިވީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފުސާއި އެތަށް ސުވާލެއް ކުރެވުނެވެ. ސިފަވަމުންދިޔައީ އަމާރާ އެވެ. އެ ލޮބުވެތި ހަނދާންތަކެވެ.
ކިސްވާގެ ކޮންމެ ހަރަކާތަކުން، އަމާރާގެ ހަންދާންތަށް އާކޮށްދެނީ ކީއްވެ ހެއްޔެވެ؟
ކިސްވާގެ ކޮންމެ ހަރަކާތަކާއި އެ ލޮބުވެތިކަމާއި މައުސޫމްކަން، ޝައްޔާންގެ ހިތުގެ ވިންދާއި މިވަރަށް ގުޅެންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ޖަވާބު ނެތް އެތައް ސުވާލަކުން ލިބުނީ ނުތަނަވަސްކަމެވެ. ޝައްޔާންގެ އިނގިލިތަކަށް ބާރުލާފައި، ކަށިތަށް ބިންދައިގެންދާވަރަށް މުށްކަވައިލި އެވެ.
ކިސްވާގެ ލޮބުވެތި ހަރަކާތްތަކާއި އަމާރާގެ ހަނދާންތައް، އޭނާގެ ސިކުނޑިން މިވަގުތަށް ދުރަށް ޖައްސާލުން ނޫން ގޮތެއް ނެތެވެ. މޭގައި އަޅަމުންދިޔަ ވޭނަށް ކެތްކުރާނެ ހިތްވަރެއް ޝައްޔާންގެ ނެތެވެ.
ވަރުބަލިކަމާއެކު ޝައްޔާން ވެއްޓިގަތީ ސޯފާއަށެވެ. ސޯފާއިން ބޭރަށް ކަނދުރާ އެލުވާލީ، ބޮލު ރިހުމަށް ތަސައްލީއެއް ލިބޭތޯ އެވެ. ނަމަވެސް އިހްތިޔާރަކާއި ނުލައި ލޮލުގެ ހިމަކޮޅުން ފައިބާން ފެށި ކަރުނަ، ރަގް މައްޗަށް ފޭދެމުންދިޔައީ، ނިމުމެއް ނެތް ރިހުމެއްގެ ގޮތުގަ އެވެ.
..........................
ދިގު ޑިއުޓީއަށްފަހު އަމާރާ ގެއަށް އައީ އުއްމީދުގެ ހިނިތުންވުމަކާއެކު އެވެ. ދޮރު ހުޅުވުމާއެކު އޭނާގެ ކަންފަތް އިންތިޒާރުކުރީ، އުފާވެރި ހިނިތުންވުމާއި، މުޅި ދުވަހު ސްކޫލްގައި ހިނގި ހުރިހައި ކަމެއްގެ ޔައުމިއްޔާ އަޑުއެހުމުގެ ޝައުގުވެރިކަމުގަ އެވެ. ނަމަވެސް ލިބުނީ ހައިރާން ކަމެވެ. މަންމަވެސް އަދި ކިސްވާވެސް ފެންނާކަށް ނެތެވެ.
ގޭތެރޭގައި ވަނީ ހިމޭންކަމާއި ފަޅުކަމެވެ. އަމާރާގެ ދަބަސް، ސިޓިންގ ރޫމްގެ ކުޑަ މޭޒުމަތީގައި ބާއްވާފައި އޭނާ އަވަހަށް މިސްރާބުޖެހީ ކިސްވާގެ ކޮޓަރިއާއި ދިމާއަށެވެ. ހަމައެވަގުތު އެތެރެއިން ނިކުތީ ފަރީހާ އެވެ. މަންމަގެ މޫޑު ރަގަޅު ނޫންކަން އެހެން މީހަކު އަމާރާއަށް ބުނެދޭކަށް ނުޖެހެ އެވެ.
ކޮންމެވެސް ބޮޑުކަމެއް ވެއްޖެ އެވެ. އަމާރާގެ ހިތް ބާރަށް ތެޅެން ފެށި އެވެ. ފިޔަވަޅުތަށް އަވަސްކޮށްލެވުނީ، ކިސްވާ ދެކިލުމަށް ކެތްތެރިކަން ކޮޅުންލީތީ އެވެ.
"ސްކޫލުން ނިކުތްއިރު މިއަދު ކިސްވާ ހުރީ ވަރަށް ހިތްދަތި ހާލެއްގައި.. ވަރަށް ސުވާލުކޮށްފިން، އެއްވެސް ޖަވާބެއް ނުދިން.. ގެއަށް އާދެވުމާއެކު ވަނީ ކޮޓަރިއަށް.. ދަބަސް އެއްލާލާފައި އެދަށް އެރިގޮތަށް އެއީނީ.." ހާސްވެ ކަންބޮޑުވެފައި ފަރީހާ ބުނެލި އެވެ.
އަމާރާގެ ހިތު ވިންދު ހުއްޓުނު ފަދަ އެވެ. ފަހަކަށް އައިސް ސްކޫލުގައި ކުރިމަތިވަމުން އަންނަނީ އެންމެ މައްސަލަ އެކެވެ. އެކަމާއި މިހާދިސާއާއި ގުޅުމެއް ހުރެދާނެކަމަށް ހީވުމުންވެސް އަމާރާގެ ހަތަރެސްފައި ފިނިވެއްޖެ އެވެ.
މަޑުމަޑުން، ދޮރު ދުރުކޮށްލާފައި އެތެރެއަށް ބަލައިލި އެވެ. ފެނުނު މަންޒަރުން ފެންކަޅިވެއްޖެ އެވެ. އަމާރާގެ މޭގައި އަތް އަޅައި ފިއްތާލެވެނެވެ.
(ނުނިމޭ)