އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދަވާ އަސްމާ އެ ކޮމެޓީން ވަކިކޮށްފައި މި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަވާފައިވާ ބައްދަލުވުމުގައި ބައިވެރިވާ މީހުން ރައީސްއާ ކުރަން ބޭނުންވާ ސުވާލުތައް އަސްމާއަށް ފޮނުވަން އެންގުމުން އެކަމާއި ރައީސް މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވާ އަސްމާއަށް ފިޔަވަޅު އަޅަން އެންގެވިކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަސްމާ އެ ކޮމެޓީން ވަކިކުރިކަން އިއުލާންކުރައްވާފައެވެ. އަދި އަސްމާގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އިޖުތިމާއީ ކޮމިޓީއަށް އައްޔަންކުރިކަންވެސް އަބްދުއްރަހީމް ވަނީ އިއުލާންކުރައްވާފައެވެ.
އިޖުތިމާއީ ކޮމެޓީގެ އިތުރުން ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުންވެސް އަސްމާ ވަކިކުރުކަމަށް ވަނީ އަޑު ފެތުރިފައެވެ. އޭގެއިތުރުން ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރިން އަސްމާ ބައިވެރިވާން އޮތް އޮތުން ވެސް މުއިއްޒު ކެންސަލް ކުރެއްވިކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރަން ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަނީ ފަހުން މާފަށް އެދިވަޑައިގެންފައެވެ.