މަޖިލީހުގައި ހިމެނޭ ހަމައެކަނި ތިން އަންހެން މެންބަރުންގެ ތެރެއިން، އެއް މެންބަރު ކަމަށްވާ އަދި ވެރިކަން ކުރާ ޕީއެންސީގެ މެންބަރު އަސްމާވަނީ އަންނަ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސްއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ ވަނީ ދާއިރާގެ މެންބަރުންނަށް މެސެޖެއް ފޮނުއްވައިފަ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މި މެސެޖްގެ މައްސަލަ ހޫނުވެ، އެންމެ ފަހުން އަސްމާ މާފަށް އެދުނީއެވެ. މަޖިލީހުގެ ލެޓަހެޑްގައި އަސްމާ ނެރުއްވި ބަޔާނެއްގައިވަނީ ފޮނުވި މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާ ނަމަ، ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވި ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.