ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާގެ އިނާޔަތް އުނިކުރުން ހިމެނެ އެވެ. މީގެ އިތުރުން، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަގާމެއްގެ މުއްދަތުގައި ގާނޫނުން ދޭ އިނާޔަތްތައް މެދުކަނޑާލަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ. މިހާރުގެ ގާނޫނުގައި އިނާޔަތް މެދުކަނޑާލަން ޖެހެނީ ހަމައެކަނި ދެވަނަ ދައުރަކަށް އިންތިހާބުވުމުންނެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ. ކޮމިޓީ މަރުހަލާގައި ކުރިން ހިމަނާފައިވާ މަހަކު 25،000 ރުފިޔާގެ ބަދަލުގައި، ނައިބު ރައީސުންނަށް މަހަކު 30،000 ރުފިޔާގެ އިނާޔަތެއް ދޭގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން ބޭސްފަރުވާއަށްވެސް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ހަރަދަށް ބޮޑު ތަފާތެއް އަންނާނެ ކަމަށް އެސްޓިމޭޓްތަކުން ދައްކައެވެ. ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކުރުމުން އަންނަ އަހަރު 10،500،000 ރުފިޔާ ސަލާމަތްވާނެ އެވެ. ނަތީޖާއެއްގެ ގޮތުން، އަންނަ އަހަރަށް ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާގެ ބަޖެޓު 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ނައިބު ރައީސުންނަށް ޢިނާޔަތް ދިނުމުގެ ސަބަބުން އަންނަ އަހަރު އިނާޔަތުގެ ގޮތުގައި 360،000 ރުފިޔާ އާއި ބޭސްފަރުވާއަށް 700،000 ރުފިޔާ ހަރަދުވާނެ އެވެ.
ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރާ ބޭފުޅުންނަށް އެކަންޏެވެ. މި އުސޫލުން ބަލާއިރު، މިހާތަނަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ސަރުކާރުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު 10 ގަ އެވެ.