އެންވާރަމަންޓް މިނިސްޓްރީން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ހަރަކާތަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމަށް ހިންގި ހަރަކާތެއް ކަމަށާއި އެއީ ރައީސް ޑރ. މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދެވުނު ހަރަކާތެއް ކަމުގައި އެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ހަރަކާތުގެ ދަށުން ވިލިމާލޭގައި3 ސަރަހައްދެއްގައި 100 ދިވެހި ރުއް އިންދާފައިވާ އިރު ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެން ގިނަ ހައިވަކަރު ގަސް އިންދާފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ވިލިމާލޭގައި 500 ގަސް އިންދުމުގެތެރެއިން
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ 1 ޑިސެމްބަރު 2023 ވަނަ ދުވަހު އެވެ.
ދުބާއީގައި ކުރިޔަށް ދިިޔަ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް28 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުން ބާނާ މަހާއި، ކޮންމެ ވެލިފުކަކީ ވެސް އަގުހުރި އެއްޗެއްކަމަށެވެ. ދެން ވިދާޅުވީ، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބަ އާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ