އެފްއޭއެމަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނާ ދިފާއު ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި އެއްވެސް ގޮތެއް ނުނިންމައެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނުސީދާ އިންޒާރެއްގެ ގޮތަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކީ، އޭނާގެ މައްޗަށް ކުރެވިފައިވާ 1.8 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޝަރިއަތުގައި ބައްސާމްގެ ވިދާޅުވީ، އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެކަން އެ އިދާރާ އިން އަންގާފައި އޮންނަ ކަމަށް ބުނެ ބައްސާމް އިތުރަށް ބުނީ އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށެވެ.
އެކަމަކު ބައްސާމްގެ އެ ދިފާއު ޝަރިއަތުން ބަލައި ނުގަނެއެވެ.