މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެއެވެ. އެހެންކަމުން ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަނީ މިވަގުތައް ހުއްޓާލާފައިވާކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީން ކޮށްދިނުން ވަގުތޫ ގޮތުން ހުއްޓާލާފައިވާއިރު އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނެއް ހެދުމަށް ސަރުކާރުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކޮމެޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ލިޔުމުން މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ބިލުން ލިބޭ:
އާ ބިލުގައި ދަތުރުފަތުރުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ އަދަދު 5,000 ރުފިޔާއަށްވުރެ މައްޗަށް ހިނގައްޖެނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންދެން އެ އުޅަނދެއްގައި "ބޫޓް" އެޅުވުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.