އެ މިނިސްޓްރީން ބުނީ މިއީ، ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ގައުމީ މުހިންމު ސިޔާސަތެއްކަމަށެވެ.
ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ ދެވަނަ ބުރު ފަށާފައިވަނީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައިކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މި ބުރުގެ ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެކަމަށާއި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.