ޖެކްލީން އެޑްސް ނަމަކަށް ކިޔާ މި އަންހެން މީހާ ހައްޔަރުކުރީ އެ ފިރިހެން މީހާއަށް އުނދަގޫކޮށް ބިރުދެއްކުމުގެ ތުހުމަތުގައެވެ.
ފުލުހުންގެ ރިޕޯޓުތައް ބުނާ ގޮތުގައި ޖެކްލީން ވަނީ އެތައް މަހެއް ވަންދެން، ދުވާލަކު 500 އެއްހާ މެސެޖު އެމީހާއަށް ފޮނުވާފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން 10 މަސް ދުވަހުގެ ތެރޭގައި އޭނާ ފޮނުވި މެސެޖުގެ އަދަދު 159،000 އަށް ވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި މީހުން މަރާނެ ކަމުގެ އިންޒާރާއި ވަރަށް ބިރުވެރި ވާހަކަތައް ހިމެނެއެވެ. އެގޮތުން އެމީހާގެ "ކިޑްނީން ސޫށީ ހަދާނެ" ކަމަށާއި، އޭނާގެ "ލޭގައި ފެންވަރަން ބޭނުންވާ" ކަމަށް ބުނެ ޖެކްލީން ވަނީ މެސެޖުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، އެ ފިރިހެން މީހާގެ ގެއަށް ވަދެ ހުއްޓާ ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ސްޓޯކް ކުރުމާއި، ގޯނާ ކުރުމާއި އަދި ހުއްދަ ނުހޯދާ ތަންތަނަށް ވަނުން ހިމެނެއެވެ. .