އެޗްޑީސީން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަޒީފާ ލިބުނު ފަރާތްތަކާއި ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. ލިޔުން ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ ޝާމިލު މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމުގައި ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުއޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ގައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީން މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ވަކި ކަހަލަ ނުކުޅެދުންތެރިކަމެއް ހުއްޓަސް އެކި ކަހަލަ ހުނަރާއި ގާބިލްކަން ހުރި ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެއީ ހުނަރުވެރި ބައެއް ކަމަށާއި އެހެންވެ އެ މީހުންނަށް މައުލޫމާތާއި ހިތްވަރު ދިނުމަށް އެޗްޑީސީގެ މުވައްޒަފުންގެ ކިބައިން ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ވަޒީފާއެއް ހަމަޖެހުމަކީ ހަމައެކަނި އާމްދަނީއާ ގުޅިފައިވާ ވަސީލަތެއް ނޫން ކަަމަށާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އެއީ މުޖުތަމައު ބަލައިގަންނަ މީހެއް ކަމުގެ އިހުސާސްވުން ދައްކައިދޭ ދޮރެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދުނުމުގެ ބޭނުމަކީ އެއްވެސް މީހަކު ތަފާތު ނުކޮށް ހަމަހަމަ ފުރުސަތު ލިބޭ މާހައުލެއް އޮތް ކަން ކަށަވަރު ކޮށްދިނުމެވެ.