އެފްއެސްސީގެ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވާފައި ވަނީ ރޭ މީރުމާ ހޯލުގަ އެވެ. އެ ހަފުލާގެ ތެރެއިން އެ ޖަމިއްޔާގެ ދެވަނަ ޕްރޮޖެކްޓުގެ ގޮތުގައި ޕޭޝަންޓް ކެއާ އެވޯޑްސް މޯލްޑިވްސްގެ ނަމުގައި ވަނީ އެވޯޑަކާއި މެގެޒިންއެއް ވެސް ތައާރަފުކޮށްފަ އެވެ.
ޕޭޝަންޓް ކެއާ އެވޯޑު ތައާރަފުކޮށްދެއްވީ ރޭގެ ޝަރަފުވެރި މެހެމާނު، ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އިބްރާހިމް އެވެ. ޕޭޝަންޓް ކެއާ އެވޯޑު ރޭ ލިބުނީ ރާއްޖޭގެ ފުރަތަމަ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ނާއިލާ އަށެވެ. ނާއިލާއަކީ ސިއްހީ އެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު ފެތުރުމާއި އެކި މަސައްކަތްތައް ކުރާ ޖަމިއްޔާ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) ގެ ކޯފައުންޑަރެއް ވެސްމެ އެވެ.
އެ ރަސްމިއްޔާތުގައި، ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ފައުންޑަރު އާޝާ ހުސައިން ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ ވާހަކަ ދެއްކުމަކީ އަދި ވެސް އުނދަގޫ ކަމެއް ކަމަށެވެ. ބައެއް ގައުމުތަކުގައި މިހާރު ވެސް ދަރިމައިވުމުގެ މައްސަލަ އަށް ފަރުވާ ހޯދުން ސިއްހީ އިންޝުއަރެންސް ޕެކޭޖުތަކުގައި ހިމެނޭކަން އާޝާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖެނުއަރީ 2021 ގައި ރަޖިސްޓަރީކުރި ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގައި މި ވަގުތު 460 މެމްބަރުން އެބަތިއްބެވެ. ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން ކަމަށެވެ. އެކަން ހާސިލް ކުރުމަށް މަޖައްލާއެއް ވެސް ރޭ ނެރުނެވެ.