ރިޕޯޓްތައް ބުނާ ގޮތުން މިއީ ނޮމެބަރު މަހު ފަހުކޮޅު، ފެމިލީ ކޯޓުގެ އަންހެން ފަނޑިޔާރަކު ނިންމެވި މައްސަލައެކެވެ.
މި މައްސަލައިގެ ހުކުމް އިއްވެވީ ފިރިހެން މީހާ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުންކޮށް އަންހެނުން ވަރިކުރި ކަމަށް ބުނެ ވަރި ސާބިތު ކުރުމަށް ހުށަހެޅި މައްސަލައެއްގަ އެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވަނިކޮށް "ކަލޭ ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގަ އެވެ.
ރުޅި އައިސްގެން ހުރެ ބުނާ ވަރީގެ ބަހުގެ ސަބަބުން އަނބިމީހާ ވަރިވުން ނުވަތަ ވަރިނުވުމާ މެދު އާއިލާއާ ބެހޭ ގާނޫނާއި ގަވައިދުގައި ވެސް ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ވެސް ވަރި ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ. ނަމަވެސް، ރުޅީގައި ކުރާ ވަރީގެ މައްސަލައެއްގައި މިފަދަ ތަފާތު ނިންމުމެއް ނިންމަވާފައިވަނީ އަލަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި މައްސަލަގައި ފިރިހެން މީހާ ވަނީ ވަރިކުރަން އިބާރާތް ބުނެވުނީ ނިޔަތެއް އަދި ގަސްދެއް ނެތި ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ރުޅިއައިސްފައި ހުރުމުން ކަމަށް ބުނެ ޝަރީއަތުގައި ހުވާކޮށްފަ އެވެ. އެހެންވެ އެ ކަމުގެ މައްޗަށް ބަލައި، ގާޒީ ނިންމެވީ އެ ދެމީހުންގެ ދެމެދު ވަރި ހިނގާފައިވާ ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށެވެ.