މީގެ ތެރޭގައި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "އަލްބަމް އޮފް ދަ ޔާ" އާއި "ބެސްޓް ޕޮޕް ވޯކަލް އަލްބަމް" ގެ ކެޓަގަރީ ހިމެނެ އެވެ. މީގެ އިތުރުން އެ އަލްބަމްގެ މަޝްހޫރު ލަވަތައް ކަމަށްވާ "އަބްރަކަޑަބްރާ"، "ޑިޒީޒް" އަދި "ހާލީކްއިން" ފަދަ ލަވަތަކަށް ވެސް ހާއްސަ ނޮމިނޭޝަންތައް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.
ގާގާގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެފައިވާއިރު، އޭނާ މިހާރު ކުރިއަށް ގެންދާ "ދަ މޭހެމް ބޯލް" ޓުއާގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. މި ޓުއާގެ ކާމިޔާބީއާ އެކު، 2026 ވަނަ އަހަރަށް އެމެރިކާގައި އިތުރު ޝޯތަކެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މިގޮތުން އަލަށް އިތުރުކުރި ޝޯތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 14 ގަ އެވެ. ސްޓްރީމިން އާއި ލައިވް ޝޯތަކުގެ ތަރުހީބަށް ބަލައި ކަނޑައަޅާ "އާޓިސްޓް ޕަވަ އިންޑެކްސް" ގެ އެއްވަނަ މަގާމު ވެސް ގާގާ އަށް އަލުން ލިބިފައިވާކަމީ އޭނާގެ މިއުޒިކީ ނުފޫޒު ގަދަކަން ހާމަވާ ކަމެކެވެ.
ރޯލިން ސްޓޯން މެގަޒިންގެ ޑިސެމްބަރު 2025 ގެ ކަވަރުން ވެސް ޖާގަ ހޯދާފައިވާ ގާގާ ވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާއި މުސްތަގުބަލުގެ ޕްލޭންތަކާ ގުޅޭގޮތުން އެ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކާފަ އެވެ. ކުރިއަށް އޮތް ތަނުގައި މަޝްހޫރު ޝޯ "ދަ ލޭޓް ޝޯ ވިތު ސްޓީވަން ކޯލްބާޓް" އިން އޭނާ ފެނިގެންދާނެ ކަމަށް ރިޕޯޓުކޮށްފައިވާއިރު، ގްރެމީ އެވޯޑްސްގައި "މޭހެމް" އަލްބަމަށް ލިބޭނެ ކާމިޔާބީއަކަށް ސަޕޯޓަރުން ތިބީ އިންތިޒާރުކޮށްގެންނެވެ.