ads
ރ. މަޑުއްވަރީގައި ސޯލާ ހަރުކުރަން ފެށުން: ފޮޓޯ ޓޫރިޒަމް މިނިސްޓްރީ
މަޑުއްވަރީގައި 400 ކިލޯވޮޓުގެ ސޯލާ ހައިބްރިޑް ސިސްޓަމެއް ގާއިމްކުރަން ފަށައިފި
ރ. މަޑުއްވަރީގައި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށުގައި 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ގާއިމްކުރަނީ 344 ކިލޯވޮޓްގެ ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ހަކަތައިގެ ނިޒާމެކެވެ. މިއީ ސަރުކާރުން ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މިކަމުގެ ސަބަބުން މަޑުއްވަރީން އަހަރަކު ގާތްގަނޑަކަށް 187،902 ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުކުރެވޭނެ ކަމަށެވެ. އަދި ޑީސަލް އެންދުމުން ޖައްވަށް ބޭރުވާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑްގެ 460 ޓަނު ޖައްވަށް ބޭރުވުން ހުއްޓުވޭނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވި، ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދެކެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިއާދަކުރަނިވި ހަކަތައިގެ ގާބިލުކަން 53 މެގަވޮޓުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 70 މެގަވޮޓަށް އިތުރުކުރެވިފައެވެ. ސަރުކާރުން މިހާރުވެސް ދަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ޖުމްލަ 170 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް