ރިޕޯޓުތައް ބުނާ ގޮތުގައި އެއް ފަހަރާ 100 އަށްވުރެ ގިނަ އުޅަނދު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މިއީ މިހާތަނަށް ޗައިނާއިން ކަނޑުމަތީގެ ބާރު ދައްކާލުމަށް މިހާ ބޮޑު ހަރަކާތެއް ހިންގި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅަކީ ޗައިނާގެ އަސްކަރިއްޔާއިން ތަމްރީނުތައް ބާއްވާ ދުވަސްވަރެކެވެ. ނަމަވެސް، މި ފަހަރު މިހާ ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީއިން ރަސްމީކޮށް އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެއެވެ. މިއީ ސިއްރުން ނަމަވެސް ވަރުގަދަ ބާރެއް ދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެއް ކަމަށް ބެލެވެއެވެ.
މި ހަރަކާތްތައް ކުރިއަށް ދަނީ ޓައިވާނުގެ މައްސަލައިގައި ޗައިނާއާއި ޖަޕާނާ ދެމެދު އޮތް ގުޅުން ގޯސްވެ، ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޓައިވާނުން އެ ގައުމުގެ ދިފާއީ ކަންކަމަށް ކުރާ ހަރަދު އިތުރުކުރުމުން އެކަމާ މެދު ވެސް ޗައިނާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ރޮއިޓާސް ނިއުސް އޭޖެންސީން މި ހަބަރު ރިޕޯޓުކޮށްފައިވަނީ ހަތަރު މަސްދަރަކާއި އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީއެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު އަވަށްޓެރި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޗައިނާގެ މި އަމަލުތަކަކީ އެ ސަރަހައްދުގައި ނުފޫޒު ގަދަކުރުމަށް ކުރަމުންދާ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.